ދައުލަތުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގައި މިންތީގެ ހަމަހަމަކަމަށް ބާރު އެޅުމުގެ ގޮތުން، ގައުމީ ފެންވަރުގައި "ހަމަހަމަކަން ކަށަވަރު" ނިޝާން ތައާރުފު ނިންމައިފިއެވެ.
އެގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
"ހަމަހަމަކަން ކަށަވަރު" ނިޝާނަކީ އިގްތިސޯދީ ގޮތުން ދެ ޖިންސުގެ މެދުގައި ހުރި ފަރަގުތައް ނައްތާލުމަށާއި ވަޒީފާގެ މާހައުލަކީ ދެ ޖިންސަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ކަށަވަރުވެފައިވާ ފަހި މާހައުލަކަށް ހެދުމަށްޓަކައި ހުރިހާ އިދާރާތަކުގައިވެސް މިންތީގެ ހަމަހަމަކަމަށް ބާރު އެޅުމުގެ ގޮތުން ގައުމީ ފެންވަރުގައި އެކުލަވައިލެވިފައިވާ ނިޒާމެކެވެ.
އެގޮތުން، މަސައްކަތްތައް ބައްޓަންކުރަންވީ މައިގަނޑު ދާއިރާތަކާއި މިންގަނޑުތަކެއް ކަނޑައަޅައި، އެ މިންގަނޑުތައް ހާސިލުކުރުމަށް ހިތްވަރުދިނުމަށާއި، މިންތީގެ ހަމަހަމަކަމަށް ވަކާލަތުކޮށް ކާމިޔަބީތައް ހޯދާފައިވާ އިދާރާތަކުގެ އަގު ވަޒަންކުރުމަށް އެ ނިޝާން ދެވިގެންދާނެއެވެ.
އެ ނިޝާން ތައާރަފުކުރެވުމާއެކު ދައުލަތުގެ އިދާރާތަކުންނާއި ކުންފުނިތަކުން މިންތީގެ ހަމަހަމަކަމަށް ކުރާ މަސައްކަތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރެވި، ދިވެހިރާއްޖެއިން މިންތީގެ ހަމަހަމަކަން ގާއިމުކުރުމާ ގުޅޭގޮތުން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި ގައުމީ ފެންވަރުގައި އެކުލަވައިލެވިފައިވާ ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭން (2026–2022) ގެ ދަށުން ދިވެހިރާއްޖޭގައި އިދާރީ ފެންވަރެއްގައި ޖެންޑާ މެއިންސްޓްރީމް ކުރުމަށް ކުރާ މަސައްކަތް އެއްހަމަ ކުރެވޭނެއެވެ.
"ހަމަހަމަކަން ކަށަވަރު" ނިޝާންގެ އަސާސީ މިންގަނޑުތަކުގެ ތެރޭގައި މައިގަނޑު ފަސް ކަމެއް ހިމެނެއެވެ. އޭގެ ތެރޭގައި، އިދާރާއަށް މުވައްޒަފުން އައްޔަނުކުރުމުގައި ޖެންޑާ ނިއުޓްރަލް އުސޫލެއް ގެންގުޅުމާއި، މިންތީގެ ތަފާތުކުރުންތައް އަދި ޖިންސީ ފުރައްސާރަކުރުން ހުއްޓުވައި އެކަން ހައްލުކުރުމަށް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމާއި، ޖެންޑާ ރެސްޕޮންސިވް އިންފްރާސްޓްރަކްޗާ ގާއިމުކުރުމާއި، ހަމަހަމަ މަސައްކަތްތަކަށް ހަމަހަމަ އުޖޫރައެއް ދިނުމުގެ އިތުރުން ކަންކަން ނިންމާ ފެންވަރުގައި ނުވަތަ މެނޭޖްމަންޓް ލެވެލްގައި މިންތީގެ ހަމަހަމަކަމަށް އަހައްމިއްޔަތުކަން ދައްކުވައިދިނުން ހިމެނެއެވެ .
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި 'ދައުލަތުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގައި މިންތީގެ ހަމަހަމަކަމަށް ބާރުއެޅުމުގެގޮތުން ގައުމީ ފެންވަރުގައި "ހަމަހަމަކަން ކަށަވަރު" ނިޝާން ތައާރަފުކުރުން' ވަނީ ހިމަނުއްވާފައެވެ.