ހުޅުމާލެ ފުރަތަމަ ފިޔަވަހި ސެންޓްރަލް ޕާކު ކައިރީގައި “ކޭޕާކް ރެޒިޑެންސް” ގެ ނަމުގައި ހަދަމުން އަންނަ ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި ކަމަށް ބުނާ މައްސަލާގައި އެންމެ ބޮޑަށް ތުހުމަތު ކުރާ އެ މަޝްރޫއު ހިންގާ ހަމްބޯ މޯލްޑިވްސް ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ ގެއިން ފުލުހުން ގެންދިޔަ އަގުބޮޑެތި މުދާތައް މުދާތައް އަނބުރާ ހޯދުމަށް މަންޑޭގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ހައިކޯޓުން އަލުން ބެލުމަށް ނިންމައިފިއެވެ.

މި މައްސަލަ އެންމެ ފުރަތަމަ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ރަޖިސްޓްރާ ވަނީ މައްސަލަ ބޭރުކޮށްލައިފައެވެ. އެއާއެކު މަންޑޭގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގެ ފަނޑިޔާރުންގެ ޕެނަލަށް ހުށަހަޅާ ރަޖިސްޓްރާގެ ނިންމުން މުރާޖާ ކުރުމަށް ހުށަހެޅިއެވެ.

ހައިކޯޓުގެ ރަޖިސްޓްރާގެ އޭރުގެ ނިންމުމުގައި ބުނެފައި ވަނީ މަންޑޭ އިސްތިއުނާފުކުރާ އަމުރަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ގާނޫނުގެ 51ވަނަ މާއްދާގެ ދަށުން ނެރެފައިވާ އަމުރެއް ކަމަށާއި އެހެންކަމުން އެ މާއްދާގެ ދަށުން ނެރޭ އަމުރަކަށް 2021ވަނަ އަހަރު ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުން ތަތުބީގު ކުރެވޭ ގޮތެއް ސާފު ކޮށްދީފައި ނުވާ ކަމަށެވެ.

ޕްރޮސިކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މަންޑޭ އެކި ފަރާތްތަކަށް ފްލެޓުތައް ވިއްކައިގެން އޭގެއިން ލިބުނު މަންފާ އަށް އަގުބޮޑު ފްލެޓެއް ގަނެފައިވާ ކަމަށެވެ. އެ ފްލެޓުގެ އަގު 8 މިލިއަނަށް އަރާއިރު އެގެއިން ފެނުނު ގަހަނާ އާއި އަތް ދަބަހާއި ސެންޓުގެ އަގު އެކަނި ވެސް 7 މިލިއަނަށް އަރާ ކަމަށެވެ.

ޝަމީމް ވިދާޅުވީ މަންޑޭގެ ގެއިން ފެނުނު ސެންޓު ފުޅިތަކުގެ ތެރޭގައި 200 އެއްހާ ސެންޓުފުޅި އެއްވެސް ގޮތަކަށް ނުކަނޑާ ހުރި ކަމަށެވެ.