މި މަހުގެ 21 ވަނަ ދުވަހު އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތަށް އިހި ނަގަން އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުންދާ ސ. މަރަދޫ، ކުރެދުމާގޭ، މުހައްމަދު ނައީޝް ހޯދުމަށް ދައުލަތުގެ އިދާރާތަކުގެ ބެލުމުގައި ދަށުގައި ހުރި ހުރިހާ ވަސީލަތްތަކެއް އެ ޒުވާނާ ހޯދުމަށް ބޭނުން ނުކުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިރޭ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ. ނައީޝް ހޯދުމުގެ މަސައްކަތުގައި ސަރުކާރުން އިޙްމާލުވަމުންދާ ކަމަށެވެ. އަދި އެކަމަކީ އެޕާޓީން ކަންބޮޑުވާ ކަމެއް ކަމަށް އެ ޕާޓީން ބުންޏެވެ. އެމްޑީޕީގެ ބަޔާނުގައި އެކުވެރި ގައުމުތަކާ އެކު އޮންނަ ގުޅުންތަކުގެ ތެރެއިން ޒަމާނުއްސުރެ ރާއްޖެއިން އެފަދަ އޮޕަރޭޝަންތަކުގައި އެހީތެރިކަން ހޯދާކަން ފާހަގަކޮށްފައިވެއެވެ.

"މިއަދު ރާއްޖޭގައި އެފަދަ ފަންނީ ގާބިލުކަމާއި ވަސީލަތްތައް ލިބެން ހުރެމެ, އެ ވަސީލަތްތައް ބޭނުން ނުކުރުމަކީ މި ޕާޓީގެ ފަރާތުން ނުހަނު ކަންބޮޑުވާ ކަމެކެވެ. ރާއްޖޭގެ ސިފައިންނާއި ބޭރު ގައުމުތަކާ އެކު ގުޅިގެން ކުރިއަށް ގެންދިޔަ މިފަދަ 1،996 އޮޕަރޭޝަނެއްގައި 3,452 މީހުން ސަލާމަތް ކުރެވިފައި ވުމަކީ މި ދެންނެވި ވަސީލަތްތައް ބޭނުންކުރުމުން އޮޕަރޭޝަންތަކުގެ ކާމިޔާބީގެ ރޭޓު މަތިކަން ހާމަކޮށްދޭ ކަމެކެވެ" ބަޔާނުގައިވެއެވެ.

ރާއްޖޭގެ އިދާރާތަކުގައި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގޭނެ ވަރަށް ގާބިލުކަން އިތުރު ކުރުމުގެ މަސައްކަތް ފުރިހަމަ ނުވަނީސް އެ ވަސީލަތްތަކާއި ފަންނީ ލަފާ އޮޕަރޭޝަންތަކުގައި ބޭނުން ނުކުރުމަކީ އެ އޮޕަރޭޝަންތައް ކާމިޔާބު ކުރަން ދަތިވާނެ ކަމެއް ކަމަށް އެމްޑީޕީން ބުންޏެވެ.

"ދިވެއްސެއްގެ ފުރާނައަށްވުރެ ސިޔާސީ އެޖެންޑާއެއް އިސްކުރުމަކީ މިޕާޓީން އެއްގޮތަކަށް ވެސް ބަލައިގަންނާނެ ކަމެއް ނޫނެވެ. ނައީޝް ހޯދުމުގެ އޮޕަރޭޝަނުގައި މި ވަގުތު ރާއްޖޭގައި ލިބެން ހުރި ހުރިހާ ވަސީލަތްތަކެއްގެ ބޭނުން ހިފުމަށް ސަރުކާރަށް ގޮވާލަމެވެ" ބަޔާނުގައިވެއެވެ.

ނައީޝް ހޯދުމުގައި އެމްއެންޑީއެފް އިން އިތުރަށް ބޭނުން ކުރަމުން ދަނީ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ އޭވިއޭޝަން އެކަޑަމީގެ މަތިންދާ ބޯޓެކެވެ.