ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ "ކަންނެތް" ސަރުކާރަކަށް ނުވާނެ ކަމުގެ ޔަގީންކަން ރައީސްގެ ކެބިނެޓުގައި އިންނަވާ ވަޒީރެއްގެ ހައިސިއްޔަތުން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހާ ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ކެބިނެޓުގެ ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިން މި ހަފްތާ ބަންދުގައި ރާއްޖޭގެ އެކި ރަށްތަކަށް އަންނަނީ ދަތުރު ކުރައްވަމުންނެވެ. އެގޮތުން މިނިސްޓަރު ސައީދު އަންނަނީ ހއ. އަތޮޅުގެ ރަށްތަކަށް ދަތުރު ކުރައްވަމުންނެވެ.
އެ ދަތުރުފުޅުގެ ތެރެއިން އިއްޔެ ހއ. އުތީމަށް ވަޑައިގެން އެރަށުގެ ބައެއް ރައްޔިތުންނާއި މިނިސްޓަރު ވަނީ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ އެމަނިކުފާނުގެ ސިޔާސީ މަސައްކަތުގައި ފެނިވަޑައިގެންނެވި އެންމެ ހީވާގީ ބޭފުޅުންގެ ތެރެއިން ރައީސް މުއިއްޒަކީ ނަމޫނާ ބޭފުޅެއް ކަމަށެވެ. އެގޮތުން މިނިސްޓަރު ވަނީ ރައީސް އޮފީހުގެ މުވައްޒަފުން ދުވާލާ ރޭގަނޑު ވެސް ރައީސްގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި ކުންފުނިތަކުގެ ވެރިންނާއި މިނިސްޓަރުން ވެސް ރައީސް ހަވާލުކުރެއްވި މަސައްކަތްތައް ކުރެއްވުމުގައި އަވަދިނެތި އުޅުއްވާ ކަމަށް ވިދާޅުވިއެވެ.
"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ކަންނެތް ސަރުކާރަކަށް ނުވާނެ. ރައްޔިތުންނާއި ދުރު ސަރުކާރަކަށް ނުވާނެ. އަމަލީ ގޮތުން ކަންކަން ތަންފީޒުކޮށްގެން ކުރިޔަށްދާ ސަރުކާރެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ކުރިޔަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި ރައްޔިތުންނަށް ވަރަށް އުއްމީދީ ކަންކަމުގެ މަސައްކަތްތައް އަމަލީ ގޮތުން ރައީސް މުއިއްޒު ފައްޓަވައި ދެއްވާނެ ކަމަށެވެ. ސައީދުގެ ވާހަކަފުޅުގައި ކުދި އަދި ބޮޑެތި މަޝްރޫއުތައް ވެސް މި ސަރުކާރުން ކުރިޔަށް ގެންދާނެ ކަމަށާއި ރައްޔިތުންނާއި ގައުމަށް ފައިދާހުރި ކަންކަން ކުރުމުގައި މި ސަރުކާރުން ވަރުބަލި ކަމެއް ނެތި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.