ސަރުކާރަށް ފާޑުކިޔައި ލިޔުންތައް ޝާއިއުކުރަމުންދިޔަ ދެ ވެބްސައިޓަކާއި ރަޖިސްޓްރީކޮށްގެން ހިންގާ ވެބްސައިޓެއް ސަރުކާރުން ބްލޮކްކޮށްފައިވާތީ، އެކަން ވަގުތުން ވަގުތަށް ހުއްޓާލުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ގޮވާލައިފިއެވެ.

ސަރުކާރުން އިއްޔެ ވަނީ "ދިޔަވަރު.ކޮމް" އާއި "ކުރުސީ.ކޮމް" ނުވަދެވޭ ގޮތަށް ރާއްޖެއިން ބަންދުކޮށްފައެވެ. އެކަންކޮށްފައި ވަނީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އިންނެވެ. އެތަނަކީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ދަށުން ހިންގާތަނެކެވެ.

ދެހާސް ނުވަ ވަނަ އަހަރު ކުރިން ފެށިގެން ނޫސްވެރިންގެ ހައްގުގައި ވަކާލާތުކުރަމުން ގެންދާ އެމްޖޭއޭއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ސަރުކާރަށް ފާޑުކިޔާ ވެބްސައިޓުތައް ބްލޮކް ކުރުމަކީ ރައްޔިތުންގެ މައުލޫމާތު ލިބުމުގެ ހައްގާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ ހައްގަށް ހުރަސްއެޅޭ ގޮތަށް އެޅި ފިޔަވަޅެއް ކަމަށެވެ.

އެއްވެސް އުސޫލެއް ނެތި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ހުއްޓާލުމަށް އެމްޖޭއިން ގޮވާލި ގޮވާލުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވެސް ވަނީ އިޖާބަދީފައެވެ.

"ސަރުކާރުން މިފަދަ ފިޔަވަޅެއް އަޅާފައި މިވަނީ މިކަން ކުރުމުގެ އުސޫލެއް އާންމުކުރުމަކާ ނުލައި ކަން ފާހަގަކުރަމެވެ. އަދި ހަރުދަނާ ދެފުށް ފެންނަ އުސޫލެއް ނެތި އިންތަނެޓް ސެންސަޝިޕް ސަރުކާރުން އެކްސަސައިޒް ކުރުމަކީ އެއްވެސް ހާލެއްގައި މި ޖަމިއްޔާއިން ގަބޫލުކުރާނެ ކަމެއް ނޫން އަދި މިއީ މި ޖަމިއްޔާ އިން ދެކޮޅު ހަދައި ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެކެވެ." އެމްޖޭއޭގެ ބަޔާނުގައިވެއެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކާއި ރަޖިސްޓްރީ ނުކޮށް ހިންގާ ނޫސްތައް ރެގިއުލޭޓްކުރުމުގެ ގާނޫނީ މަސްއޫލިއްޔަތު މަތިކޮށްފައި ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެންސީ)ގައި ކަމަށް އެމްޖޭއޭއިން ބުންޏެވެ.

އެމްޖޭއޭއިން ބުނީ ދޮގު ވާހަކަތައް ހުއްޓުވަން އެ ޖެމިއްޔާއިން ތާއިދުކުރާ ކަމަށާއި ނަމަވެސް އެކަން ކުރުމަށް އޮތް ހައްލަކީ ވެބްސައިޓުތައް ބްލޮކްކުރުން ކަމަށް އެ ޖަމިއްޔާއިން ނުދެކޭ ކަމަށެވެ.

"މިކަން ހައްލު ކުރުމަށް އޮތް އެންމެ ރަނގަޅު މަސައްކަތަކީ ދޮގު މައުލޫމާތު ދެނެގަންނަން އާންމުން ހޭލުންތެރިކުރުމާއި ފެކްޓް-ޗެކިން މަސައްކަތް ޕްރޮފެޝަނަލްކަމާ އެކު ކުރުމަށް ސަރުކާރުން މީޑިއާއަށް އެހީވުމެވެ،" އެމްޖޭއޭއިން ބުންޏެވެ.