ދިވެހިރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ސަރުކާރުން އިއުލާން ކުރުމާއެކު ބޭރުގެ ޖަމިއްޔާތަކުން ނުރުހުން ފާޅުކޮށްފިއެވެ.
މިދިޔަ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
"އެކަމާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން އަދި ބަލަންޖެހޭ ކަންކަން ބަލާފައި އެކަން ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކުގެ އިމުގެ ތެރޭގައި އަޅުގަނޑުމެން ކުރާނަން،" ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
މިކަން އިއުލާން ކުރުމުން ބޭރުގެ ޖަމިއްޔާއެއް ކަމަށްވާ ހިއުމަން ރައިޓްސް ވޮޗްއިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަކީ ކޮރަޕްޓުވެފައިވާ ނިޒާމެއް ކަމަށެވެ. އަދި އަދުލު އިންސާފުގެ ނިޒާމުން ރައްޔިތުންނަށް އިންސާފު ލިބުމުގައި ފެއިލްވެފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.
އެހެންކަމުން ސަރުކާރުގެ އެ ނިންމުން އަނބުރާ ގެންދިއުމަށް އެ ޖަމިއްޔާ އިން ވަނީ ގޮވާލައިފައެވެ.
މިހާތަނަށް ރާއްޖޭގައި މަރުގެ ހުކުމް އިއްވާފައި ތިބި ހަތަރު މީހަކު އެބަހުއްޓެވެ. މީގެތެރެއިން އެންމެ ފަހުން ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދަމަހައްޓާފައި ވަނީ ވެސްޓްޕާކް ކައިރީގައި މީގެ 10 އަހަރު ކުރިން އަލީ ޝިފާން (ތޮޅި ޕެލޭ) މަރާލި މައްސަލާގައި ކުށް ސާބިތުވި މުހައްމަދު ޝައިފަންގެ ހުކުމެވެ.
ޝައިފަންގެ އިތުރުން ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި މަރުގެ ހުކުމް އިއްވާފައިވާ ހ. ލޮބީ / ހުސައިން ހުމާމުވެސް ހިމެނެއެވެ.
މިއުޅެނީ ބޭރުމީހުން ރުއްސާކަށްނޫން މިގައުމުގަ ބަސްބުނާނީ ދިވެހީން ބޭރުމީހުންނަކަށް ނޭނގޭނެ މީ މުސްލިމް ގައުމެއް މިގައުމަށް ގޮތް ކިޔަން ކާފަރުން އެއީ ކޮންބައެއް ހުކުމް ތަންފީޒް ކުރޭ ތިޔަބުނާ ހިއުމަން ރައިޓްސް އަށް ހޭލެވުނީދޯ
ޔޫނުސް