ރަސްމާލެ ތަރައްގީ ކުރުމަށްޓަކައި ފުށިދިއްގަރުފަޅު ހިއްކަނީ އެތަން ހިއްކުމަށް ހަވާލު ކޮށްފައިވާ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށް ޖުމްލަ 70 ހެކްޓަރުގެ ބިން ދޭ ގޮތަށް ކަމަށް އާބަންކޯ އިން ބުނެފިއެވެ.

އާބަންކޯ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ ސީއެމްސީ އަށް ފުށިދިއްގަރު ފަޅުން 60 ހެކްޓަރު އަދި ހުޅުމާލެ އިން 10 ހެކްޓަރާއެކު ޖުމްލަ 70 ހެކްޓަރުގެ ބިން ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ފަޒުލް ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހިން ސީއެމްސީ އަށް 10 ހެކްޓަރުގެ ބިން ހިލޭ ދީފައިވާ ކަމަށެވެ. އަދި އެ ބިން ސީއެމްސީން ބޭނުން އަގަކަށް ވިއްކޭނެ ކަމަށާއި ނަމަވެސް ބިން ވިއްކަން ޖެހޭނީ ހުޅުމާލޭގެ މާސްޓަޕްލޭނާ އެއްގޮތަށް ކަމަށެވެ.

މީގެއިތުރުން ފުށިދިއްގަރުފަޅު ހިއްކާ ނިމުމުން އެތަނުން ވެސް 60 ހެކްޓަރުގެ ބިން އެކުންފުންޏަށް ދިނުމަށް ނިންމާފައިވާ ކަމަށް ފަޒުލް ފާހަގަކުރެއްވިއެވެ.

"މިއަކަށް އަޅުގަނޑުމެން ލާ ލާރިއެއް ނެތް. އަޅުގަނޑުމެން އަތުގައި އޮތް އެސެޓެއް އަޅުގަނޑުމެން މި ދެނީ 1093 ހެކްޓަރު އަޅުގަނޑުމެންގެ އަތަށް ލިބޭ ގޮތަށް،" އާބަންކޯގެ އެމްޑީ ފަޒުލް ވިދާޅުވިއެވެ.

އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ---

ފަޒުލް ވަނީ ސީއެމްސީން ބޭނުން އަގަކަށް ބިން ވިއްކި ނަމަވެސް ބިން ވިއްކައިގެން ލިބޭ ފައިސާ ޖަމާ ކުރާނީ އާބަންކޯގެ އެކްސްކްރޯ އެކައުންޓަކަށް ކަމަށް ވިދާޅުވެފައެވެ. ފަޒުލް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި އެ ޕްރޮޖެކްޓްގެ ސަބަބުން އާބަންކޯގެ ކޭޝް ފްލޯއަށް އިތުރު ތިޔާގިކަން ލިބިގެންދާނެ ކަމަށެވެ.

ހުޅުމާލޭއަށް ވުރެ ތިން ގުނަ ބޮޑު، ކ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޯމަ ދުވަހު ވަނީ ފައްޓަވައި ދެއްވައިފައެވެ.

އެ ފަޅު ހިއްކުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވީ ފުށިދިއްގަރުފަޅުން 1153 ހެކްޓަރުގެ ބިން އަށް މަސް ދުވަހުގެ ތެރޭގައި ހިއްކާނެ ކަމަށެވެ. އެ މަޝްރޫއަކީ ރާއްޖޭގައި ހިންގޭނެ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫއު ކަމަށާއި އެތަނުގެ ބޮޑުމިން ހުޅުމާލެ ދެ ފިޔަވަހި އެއްކޮށްލުމުންވާވަރުގެ ތިން ރަށް ވަރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އެހެން ރަށްރަށުން ފުށިދިއްގަރުފަޅަށް ހިޖުރަކޮށް، ގޯތި ލިބޭނެ ގޮތް ހައްދަވާނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ. މީގެ އިތުރުން ގޯއްޗާއި ފްލެޓު ހިމެނޭހެން އެތަނުގައި 65،000 ހައުސިން ޔުނިޓު އަޅާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.