ރައްޔިތުންގެ ކަންބޮޑުވުންތަކާއި ހިޔާލުތައް ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުށަހެޅޭ ގޮތަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ހާއްސަ ޕޯޓަލްއެއް ތައާރަފު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ކައުންސިލްތަކުގެ އަގު ވަޒަންކުރަން ބާއްވާ "ކަންގަތި އެވޯޑް" ހަފުލާގައި ވާހަކަ ދައްކަވަމުން ރޭ ރައީސް ވިދާޅުވީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރަން އެމަނިކުފާނު ބޭނުންވާ ކަމަށެވެ. އެގޮތުން ރައީސް ވަނީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގައި ހުންނެވިއިރު ވަކިން ތާވަލު ހަދައިގެން، މާލޭގެ ގޭގެއަށް ޒިޔާރަތް ކުރެއްވިކަން ފާހަގަކުރައްވާފައެވެ. އަދި ރައްޔިތުންގެ ހާލު ބައްލަވާ، ރައްޔިތުން ހުށަހަޅާ ކަންކަމާއި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އެއްސެވި ކަމަށް ވިދާޅުވިއެވެ.

"ހަމަ އެހެންމެ، އެފަދަ ކަންކަން ވަގުތުން ހުށަހެޅުމަށް ސިޓީ ކައުންސިލްގެ ވެބްސައިޓުގައި އެކަމަށް ޚާއްޞަ ޕޯޓަލްއެއް ޤާއިމުކޮށް، ތަނަވަސްކަމާއެކު ދޮރު ހުޅުވައިލިން. އެ ޕޯޓަލް މެދުވެރިކޮށް، ވަރަށް ގިނަ ރައްޔިތުންނަށް އެހީތެރިކަން ފޯރުވައިދެވުނު. ދިވެހި ރައްޔިތުން ބޭނުންވަނީ މިގޮތް،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ސަރުކާރު ވެސް ކުރިޔަށް ގެންދަވަން ބޭނުންފުޅު ވަނީ އެގޮތަށް ކަމަށް ވިދާޅުވިއެވެ. އަދި މި ސަރުކާރު ކުރިޔަށް ވެސް ދާނީ އެ އުސޫލުން ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ރަށްރަށަށް އެމަނިކުފާނު ދަތުރު ކުރައްވާނެ ކަމަށެވެ.

"މީގެއިތުރަށް، ދިވެހި ކޮންމެ ރައްޔިތަކަށް އަޅުގަނޑާ ސުވާލުކުރެވޭގޮތަށް އަދި އެ ރައްޔިތެއްގެ އުދާސްތަކާއި، ޚިޔާލުތަކާއި، އުންމީދުތައް ސީދާ އަޅުގަނޑަށް ހުށަހެޅޭގޮތަށް، ރައީސް އޮފީހުގެ ވެބްސައިޓުގައި ޕޯޓަލްއެއް ޤާއިމުކުރާނަން. މި ޕޯޓަލް ތައްޔާރުކުރުމުގެ މަސައްކަތް މިހާރުވަނީ ފެށިފައި،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ދެފުށް ފެންނަ ސަރުކާރެއް އެމަނިކުފާނު ބޭނުންފުޅު ވަނީ، އޭގެ ހަގީގީ މާނައިގައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"ހަފުތާ 14ގެ ތެރޭގައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ޕަބްލިކް ފޯރަމްތަކެއް ބާއްވަން އިރާދަކުރެއްވިއްޔާ އަޅުގަނޑު ފަށާނަން. މިއީ ކޮންމެ ތިން މަހުން އެއްމަހު އޮންނާނެ ޕްރޮގްރާމެއް. ފުރަތަމަ ފޯރަމް، ފެބުރުވަރީ މަހުގެ ތެރޭގައި އޮންނާނެ. އަދި ވަޒީރުންވެސް މިފަދަ ފޯރަމްތަކެއް، ކޮންމެ ދެ މަހުން އެއްމަހު ބާއްވާނެ. ފުރަތަމަ ފޯރަމް، ޖަނަވަރީ މަހުގެ ތެރޭގައި އޮންނާނެ،" ރައީސް އިއުލާން ކުރެއްވިއެވެ.