ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލު ކުރައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސް އޮފީހުގައި ކަމަށެވެ. ބައްދަލުވުމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެއެވެ.
ގާސިމް ރައީސް މުއިއްޒާ ބައްދަލުކުރެއްވިއިރު މިދިޔަ ހޯމަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ގާސިމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ބަލާ މިންގަނޑު ބަދަލުކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކިކުރުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް ގޮވާލައިފައެވެ.
ގާސިމް ވިދާޅުވީ ރައީސް މުއިއްޒު ހުވާ ކުރެއްވިތާ މާ ގިނަ ދުވަސް އަދި ނުވާ ކަމަށާއި ސަރުކާރުގެ ވުޒާރާތަކުގެ މެންޑޭޓާއި ރުހުން ދިނުން ވެސް އަދި މަޖިލީހުން ފުރިހަމަނުވާ ކަމަށެވެ. އެހެންކަމުން ވަޒީރުންނަށް ރުހުން ދީ ސަރުކާރަށް ފުރުސަތު ދޭންޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.
"ކޮންމެއަކަސް އަޅުގަނޑު ދަންނަވާނީ ރައްޔިތުން މަޖިލީހުން ކޮންމެހެން ކުރަން ޖެހޭ ކަމެކޭ ވަޒީރުންނަށް ރުހުން ދިނުން. ވަޒީރުންނަށް ރުހުން ދޭން ޖެހޭއިރު ބަލާލާއިރު ގާނޫނުއަސާސީގައި ގާނޫނުގައި ކަނޑައެޅިގެން ބަޔާންވެގެންވޭ މިނިސްޓަރެއްގެ ގައިގައި ހުންނަންޖެހޭ ޝަރުތުތައް. އެ ޝަރުތުތައް ފުރިހަމަވާ ނަމަ، ރައީސުލްޖުމްހޫރިއްޔާގެ އެ ރިކުއެސްޓު ނުވަތަ އެ އެދިވަޑައިގަތުމަށް އަޅުގަނޑުމެން މި މަޖިލީހުގައި ތިއްބެވި ހުރިހާ ބޭފުޅުން ވެސް ރުހުން ދެއްވަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ގާސިމް އިބްރާހީމް ވިދާޅުވިއެވެ.
ގާސިމްގެ ވާހަކަފުޅުގައި ގާނޫނުއަސާސީގައި ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އަދަދު ސާފުކޮށް ބަޔާން ކޮށްފައިވާއިރު މަޖިލީހުގެ ގަވާއިދަށް ގެންނަ އިސްލާހަކުން މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑަނޭޅޭނެ ކަމަށް ވިދާޅުވިއެވެ. ގާސިމް ވަނީ އެމްޑީޕީ އަށް ވެރިކަން ނުލިބުމުން، މަޖިލީހުގެ މެޖޯރިޓީ ބޭނުން ކޮށްގެން އެފަދަ އިސްލާހުތަކެއް [ރައީސާއި ނާއިބު ރައީސް ފަސޭހައިން އަޒުލު ކުރެވޭ އިސްލާހު] ފާސް ކުރުމަކީ ލަދުވެތި ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
އެހެންކަމުން ގާސިމް ވަނީ އެ މަސައްކަތް ހުއްޓާލުމަށް ގޮވާލައި މަޖިލީހަށް ފޮނުވާފައިވާ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އަވަސް ކުރުމަށް ގޮވާލައިފައެވެ.
މީގެއިތުރުން ޕީއެންސީ / ޕީޕީއެމްއާއެކު ޖުމްހޫރީ ޕާޓީން ވަނީ ކުރިޔަށް އޮތް މަޖިލިސް އިންތިހާބާއި ގުޅޭ ގޮތުން ވެސް މަޝްވަރާ ކޮށްފައެވެ.