ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް މަހެއްގެ މައްޗަށް ލިބޭ މުސާރަ 100،000 ރުފިޔާ ބޮޑު ކުރަން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމައިފިއެވެ.

މިއީ އަންނަ އަހަރަށް ފާސްކުރި ބަޖެޓުގައި ރައީސާއި ނާއިބު ރައީސާއި އަދި މިނިސްޓަރުންގެ އިތުރުން ކައުންސިލް މެންބަރުންގެ މުސާރަ ބޮޑު ކުރަން ހުށަހަޅާފައިވެއެވެ. މިއަދު މެންދުރު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި އެ ކޮމެޓީގެ މެންބަރުން ވަނީ މުސާރަތައް ބޮޑު ކުރުމާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.

މެންބަރުންގެ މުސާރަތައް ބޮޑު ކުރުމުގައި ބައެއް މެންބަރުންގެ މެދުގައި ކޮންމެވެސް ވަރެއްގެ ހިޔާލު ތަފާތުވުންތަކެއް ހުއްޓެވެ. އެގޮތުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވަނީ މަޖިލީހުން އަމިއްލަ އަށް އެތަނުގެ މެންބަރުންގެ މުސާރަ ބޮޑު ކުރުމާއި އަދި މިހާރު ހިނގާ 19ވަނަ މަޖިލީހުގެ ދައުރު ނިމެން ކުޑަތަންވެފައި ވަނިކޮށް މުސާރަތައް ބޮޑު ކުރުމުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް އަސާސީ މުސާރައިގެ ގޮތުގައި 42،500 ރުފިޔާ ލިބެއެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި 20،000 ރުފިޔާ އާއި ކޮމެޓީ އެލަވަންސްގެ ގޮތުގައި 20،000 ރުފިޔާއާއެކު ޖުމްލަ 82،500 ރުފިޔާ ލިބެއެވެ.

މިއަދު ފާސްކުރި މެންބަރުންގެ އައު މުސާރަ:

- އަސާސީ މުސާރަ:55،000 ރުފިޔާ

- ލިވިން އެލަވަންސް: 25،000 ރުފިޔާ

- ކޮމެޓީ އެލަވަންސް: 20،000 ރުފިޔާ

- ޖުމްލަ: 1000،000 ރުފިޔާ

މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި މަޖިލިސް ރައީސާއި ނާއިބު ރައީސްގެ މުސާރަ އަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން މަޖިލިސް ރައީސަކަށް 90،000 ރުފިޔާ އަދި މަޖިލިސް ނާއިބު ރައީސަށް 88،000 ރުފިޔާ ވަނީ ފާސްކޮށްފައެވެ.

ބޮޑުކުރަން ނިންމި އެހެން ބައެއް މުސާރަތައް:

- މިނިސްޓަރުންގެ މުސާރަ: 72،000 ރުފިޔާ

- ކައުންސިލް މޭޔަރުގެ މުސާރަ: 46،000 ރުފިޔާ

- ޑެޕިއުޓީ މޭޔަރު: 40،500 ރުފިޔާ

- ރަށު ކައުންސިލް ރައީސް 25،500 ރުފިޔާ

- ރަށު ކައުންސިލް ނައިބުން 20،000 ރުފިޔާ

- ސިޓީ ކައުންސިލް މެންބަރުން 35،000 ރުފިޔާ

- ރަށު ކައުންސިލް މެންބަރުން: 18،000 ރުފިޔާ

- ޕްރޮސިކިއުޓަރު ޖެނެރަލް: 74،000 ރުފިޔާ

- އުއްތަމަ ފަނޑިޔާރު: 91،000 ރުފިޔާ

- އެމްއެމްއޭގެ ގަވަރުނަރު: 74،000 ރުފިޔާ

- އޮޑިޓަރު ޖެނެރަލް: 74،000 ރުފިޔާ