ޗާގޯސް އައިލެންޑްސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މޮރީޝަސްގެ ރައީސަށް ފޮނުވި ސިޓީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިއަދު އާއްމުކޮށްފިއެވެ.

ރިޔާސީ އިންތިހާބުގެ ދުވަސްވަރާއި އަދި އޭގެ ކުރިން މިއަދުގެ ސަރުކާރު ޕީޕީއެމް/ޕީއެންސީ އިން އިދިކޮޅުގައި އޮތްއިރު، މޮރީޝަސްގެ ބޮޑުވަޒީރަށް ރައީސް ސޯލިހު ފޮނުވި ސިޓީގައި ގޮތް ނޭނގޭ އަޑި ނުބައި ވާހަކަތަކެއް ހުރި ކަމަށް ތުހުމަތު ކުރިއެވެ. އަދި ރާއްޖެ އަށް ޗާގޯސް ގެއްލިއްޖެ ކަމަށާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވެސް ބައެއް ގެއްލިގެން ގޮސްފައިވާ ކަމަށް ތުހުމަތުކުރިއެވެ.

އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒްގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ފުރިހަމަކުރާނެ މަސައްކަތްތަކުގެ ތެރޭގައި މި މައްސަލާގައި އިޓްލޮސް އިން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ވަނީ ނިންމައިފައެވެ. އަދި އެނިންމުން ދިރާސާކޮށ،ް މި މައްސަލައާ ގުޅިގެން ދެން އެޅެންހުރި ފިޔަވަޅުތަކަކ ކޮބައިތޯ ބެލުމަށް ކުރަންޖެހޭ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން މިހާރު ފަށާފައިވާ ކަމަށް މިއަދު ސަރުކާރުން އާއްމުކުރި ބަޔާނެއްގައި ބުންޏެވެ.

"ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙުގެ ފަރާތްޕުޅުން މޮރިޝަސް ގެ ބޮޑުވަޒީރަށް 22 އޮގަސްޓް 2023 ގައި ފޮނުއްވާފައިވާ ސިޓީގައިވާ އިބާރާތަށް ބަލާއިރ،ު ދިވެހިރާއްޖެ އިން މޮރިޝަސް އަށް މި ސިޓީ ފޮނުވާފައި ވަނީ ވަކި ކަންކަމަކާ ގުޅުވައިގެން އެއްބަސްވެގެންކަން ދޭހަވީ ކަމުގައިވީ ނަމަވެސ،ް ދެ ގައުމުގެ ދެމެދުގައި އެއްބަސްވެވުނު ކަންކަމަކީ ކޮބައިކަން އެނގޭނޭ ލިޔެކިޔުމެއް އަދި އަމަލީ ގޮތުން އެކަން ތަންފީޒުވާ ކަން އެނގޭނޭ އެއްވެސް ރެކޯޑެއް ނުވަތަ ލިޔެކިޔުމެއް މިހާތަނަށް ބެލި ބެލުމުން ފެންނާކަށް ނެތެވެ،"
ކަނޑުގެ ސަރަހައްދު އަލުން ހޯދުމާއި ގުޅޭ ގޮތުން ސަރުކާރުން ނެރުނު ބަޔާން

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ މިމައްސަލައާ ގުޅޭ ކަމާބެހޭ އެންމެހައި ލިޔެކިޔުތައް ހޯދައ،ި އެލިޔެކިޔުންތައް ދިރާސާ ކުރުމުގެ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލާގައި ނިމިދިޔަ ސަރުކާރުގެ ފަރާތުން ދައުލަތުން ގެންގުޅެފައިވާ ގާނޫނީ ޕޮޒިޝަން އާއި އަމަލު ކޮށްފައިވާ ގޮތާ ގުޅޭ ގޮތުން ދިވެހިރާއްޖެ އާއި ބައިނަލްއަގުވާމީ އިސް މާހިރުންގެ ލަފާ ހޯދުމުގެ މަސައްކަތްވެސް އެ އޮފީހުން ކުރަމުންދާ ކަމަށެވެ.

މީގެއިތުރުން އެ މަސައްކަތަށް ހާއްސަ ސަމާލުކަމެއް ދީގެން އަވަހަށް ކުރިއަށް ގެންދިޔުމަށްޓަކައ،ި އެ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި ބަންޑާރަނާއިބު ވަނީ ހާއްސަ ކޮމިޓީއެއް އެކުލަވާލައިފައެވެ.

ކޮމެޓީގައި ތިއްބަވާ ބޭފުޅުން:

  • ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް
  • ޑިފެންސް މިނިސްޓްރީން ކާނަލް އަހްމަދު މުޖުތަބާ
  • ފޮރިން މިނިސްޓްރީން ސެކްރެޓަރީ މަލްޓިލެޓެރަލް، އަހްމަދު ޝިޔާން

ރައީސް ސޯލިހު މޮރީޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީއާ ގުޅޭ ގޮތުން އިތުރަށް ސަރުކާރުގެ ބަޔާނުގައި ބުނެފައި ވަނީ އެ ސިޓ އަކީ 24 ޖޫން 2022 ގައި ރުވާންޑާގައި ބޭއްވުނު ކޮމަންވެލްތްގެ ހެޑްސް އޮފް ގަވާމަންޓް ބައްދަލުވުމުގެ ހަވާސާގައި މޮރިޝަސްގެ ބޮޑުވަޒީރާއެކު ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅަކަށް ހަވާލާ ދެއްވައި ފޮނުއްވާފައިވާ ސިޓީއެއް ކަމަށެވެ.

އެހެންނަމަވެސް، އެ ބައްދަލުކުރުމުގައި ރައީސް ސޯލިހާއި މޮރިޝަސްގެ ބޮޑުވަޒީރު މަޝްވަރާ ކޮށްފައިވާ ކަންކަމާ ގުޅޭ ގޮތުން އެއްވެސް އިރެއްގައި އެއްވެސް ލިޔެކިޔުމެއް ދެ ގައުމުގެ ދެމެދުގައި ބަދަލު ކުރެވިފައިވާ ކަމަށް ރައީސް އޮފީހުގެ ރެކޯޑްތަކުން ފެންނާކަށް ނެތް ކަމަށް ބަޔާނުގައިވެއެވެ.