ދިވެހިރާއްޖެއަށް ލިބޭ ރަސްމީ ހުރިހާ ހައްޖު ކޯޓާއަށް، މީހުން ހައްޖަށް ގެންދިއުމަށް ހައްޖު ކޯޕަރޭޝަނަށް ހަވާލުކުރާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސުމާއި ގުޅިގެން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ހާއްސަ ހައްޖު ޖާގައަށް އެދި ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.

ހައްޖު ކޯޕަރޭޝަން އިން ބުނީ 1445 ވަނަ އަހަރުގެ ހައްޖަށް ގެންދަން ލިބޭ ކޯޓާގެ ތެރެއިން ފަސް ޕަސެންޓު، އެކުންފުނި މެދުވެރިކޮށް ހައްޖަށް ދިއުމަށް ފައިސާ ދައްކާ، ހައްޖު ޖާގަ ލިސްޓަށް އަރާފައިވާ ފަރާތްތަކުގެ ތެރެއިން، ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ބަލިތައް ތަހައްމަލުކުރަމުންދާ، ފަރުޟު ހައްޖު އަދާކޮށްފައިނުވާ ފަރާތްތަކަށް ހާއްސަ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ މަހުގެ ނޮވެމްބަރު މަހުގެ 9ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނީގެ ހައްޖު ޖާގަ ލިސްޓްގައި ހިމެނިފައިވާ، ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކުގެ ތެރެއިން، ފަރުޟު ހައްޖު އަދާކޮށްފައިނުވާ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ހައްޖު ޖާގައަށް އެދި ހުށަހެޅުމަށް ހުޅުވާލާ ކަމަށެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ ހުށަހެޅުންތައް ބަލައިގަނެވޭނެ އެންމެ ފަހު ތާރީހަކީ މިމަހުގެ 31ވަނަ ދުވަހުގެ އާދީއްތަ ދުވަހުގެ 14:00 ކަމަށެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ވަޒީރުން މަޖިލީހުގެ ބައްދަލުވުމެއްގައި ރާއްޖެ އަށް ކޮންމެ އަހަރަކުވެސް މީހުން ހައްޖަށް ގެންދިއުމަށް ސައުދީ އަރަބިއްޔާ އިން ދެމުން ގެންދާ ރަސްމީ ހައްޖު ކޯޓާ މުޅިން އެއްކޮށް ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ރައީސް ވަނީ ނިންމަވައިފައެވެ.

ހައްޖަށް ދިޔުމަށް މިވަގުތު ހައްޖު ކޯޕަރޭޝަނުގެ ކިޔުގައި 6000 މީހުން ރަޖިސްޓްރީވެފައި ތިއްބެވެ. މީގެތެރެއިން 4706 މީހުން ވަނީ ޙައްޖަށް ދިއުމަށް ދައްކަން ޖެހޭ ފައިސާ ވެސް ވަނީ އެއްކޮށް ދައްކާފައެވެ.