ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އަށް މަރުގެ އިންޒާރުދިން މައްސަލަ ރައްޔިތުންގެ މަޖިލީހުން ފުލުހުންގެ އިދާރާއަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ބުނީ ސޯޝަލް މީޑިއާގައި މީހަކު މެންބަރު ޝިފާއު އަށް މަރުގެ އިންޒާރުދިން މައްސަލައެއް ތަހުގީގު ކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ފުލުހުންގެ އިދާރާ އަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ބުނީ އެ މެންބަރަށް ރައްކާތެރިކަން ދިނުމަށް ޑިފެންސް މިނިސްޓްރީގައި އެދިފައި ވާނެ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެމްޑީޕީން ވެސް ރޭ ވަނީ ކަންބޮޑުވުންފާޅުކޮށް އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ގޮވާލާ ބަޔާނެއް ވެސް ނެރެފައެވެ.
އެގޮތުން މަޖިލީހުގައި ސިޔާސީ އިދިކޮޅު ޕާޓީއަކުން ކުރާނެ އެންމެ މާތް އެއް ޒިންމާއަކީ ސަރުކާރު ޖަވާބުދާރީކުރުވުން ކަމަށާއި, ނަމަވެސް ޒިންމާ އަދާކުރުމުން މަރުގެ އިންޒާރުދީ އެފަދަ ލާއިންސާނީ ކުށެއްގެ ޝިކާރައަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެގެން ދިއުމަކީ އެޕާޓީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ބުންޏެވެ.
ޝިފާއު އަށް މަރުގެ އިންޒާރު ދީފައި މިވަނީ ރައްޔިތުން މަޖިލީހުގެ 52 މެންބަރުންގެ ވޯޓުން ރައީސާއި ނާއިބު ރައީސް އަޒުލް ކުރެވޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިއްޔެ އިސްލާހު ގެނެސްފައިވާއިރުއެވެ. އެ އިސްލާހު ގަވާއިދަށް ގެނައުމަށް ހުށަހެޅުއްވި މެންބަރަކީ ޝިފާއެވެ.
އަދި އިއްޔެ ޖަލްސާގައި މެންބަރު ޝިފާއު ވަނީ ދެން އޮތް އެންމެ ބޮޑު އަދި މުހިއްމު މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކި ކުރުން ކަމަށް ވިދާޅުވެފައެވެ.