ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާނެ ކަމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ފުށިދިއްގަރުފަޅު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި އިއްޔެ ވާހަކަދައްކަވަމުން ފަޒުލް ވިދާޅުވީ އާބަންކޯ އަކީ އާބަން ޑިވެލޮޕްމަންޓްގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކޮށްފައި ތިބި އަދި އެ މުވައްޒަފުންނަކީ ހުޅުމާލޭގެ ފޭސް 1 އަދި 2ގެ ތަޖުރިބާ ވެސް ލިބިފައިވާ މުވައްޒަފުންތަކެއް ކަމަށެވެ.

އަޅުގަނޑުމެންގެ ޓީމުން އަޅުގަނޑުމެން ލަޔާގަތާއި ގާބިލްކަން ދިން އެންމެ ފުޅާ ދާއިރާއެއްގައި ދިވެހީންގެ މެނިފެސްޓޯ ތަންފީޒު ކުރުމަށްޓަކައި ރައީސްގެ މެނިފެސްޓޯ ތަންފީޒު ކުރުމަށްޓަކައި ކެންޑިނޭޅި ރެއާއި ދުވާލު މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ރައީސަށް އަރުވަން
އިބްރާހީމް ފަޒުލް ރަޝީދު - އާބަންކޯގެ އެމްޑީ

ފަޒުލްގެ ވާހަކަފުޅުގައި ފުށިދިއްގަރުފަޅު ތަރައްގީ ކުރުމުގެ މަސައްކަތް އެ ކުންފުންޏާއި ހަވާލު ކޮށްގެން ކުރިޔަށް ގެންދާތީ އެކުންފުނީގެ ބޯޑު މެންބަރުންނާއި އަދި މުވައްޒަފުންގެ ނަމުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ޝުކުރު އަދާ ކުރައްވާފައެވެ.

ހުޅުމާލޭއަށް ވުރެ ތިން ގުނަ ބޮޑު، ކ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ފައްޓަވައި ދެއްވީ އިއްޔެ އެތަނުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުއިއްޒެވެ. އަރިހުގައި ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ފަޒުލް ވެސް ބައިވެރިވެވަޑައިގަތެވެ.

އެ ފަޅު ހިއްކުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވީ ފުށިދިއްގަރުފަޅުން 1153 ހެކްޓަރުގެ ބިން އަށް މަސް ދުވަހުގެ ތެރޭގައި ހިއްކާނެ ކަމަށެވެ. އެ މަޝްރޫއަކީ ރާއްޖޭގައި ހިންގޭނެ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫއު ކަމަށާއި އެތަނުގެ ބޮޑުމިން ހުޅުމާލެ ދެ ފިޔަވަހި އެއްކޮށްލުމުންވާވަރުގެ ތިން ރަށް ވަރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އެހެން ރަށްރަށުން ފުށިދިއްގަރުފަޅަށް ހިޖުރަކޮށް، ގޯތި ލިބޭނެ ގޮތް ހައްދަވާނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ. މީގެ އިތުރުން ގޯއްޗާއި ފްލެޓު ހިމެނޭހެން 65،000 ހައުސިން ޔުނިޓު އެ ތަނުގައި އިމާރާތް ކުރައްވާޏެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.