މާލެ ސިޓީ ކައުންސިލްގެ މޭޔަރު ބައި އިލެކްޝަނުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އާދަމް އާޒިމްއާ މެދު އެއްވެސް ބޭފުޅަކު ޝައްކު ކުރައްވާނެ ޖާގައެއް ނެތް ކަމަށާއި އެމަނިކުފާނަކީ ގާބިލް ބޭފުޅެއް ކަމަށް ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި މިރޭ ބޭއްވި އާޒިމްގެ ކެމްޕެއިން ހަފްލާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ދުވަހު ނާއިބު ރައީސެއްގެ ހައިސިއްޔަތުން މަސައްކަތް ކުރެއްވިއިރު އެންމެ ގިނައިން މަސައްކަތުގެ އެކި ކަންކަމުގައި ދިމާވާ އެއް ބޭފުޅަކީ އާޒިމް ކަމަށެވެ.
"އާދަމް އާޒިމް، ކޮންމެ ކެޕޭސިޓީއެއްގައި މަސައްކަތް ކުރެއްވިއަސް އަބަދުވެސް ބަލާފައި އޮތީ ރައްޔިތުންނަށް ޒިންމާ އަދާ ކުރުމަށްޓަކައި، ތިމަންނާ އަށް ރައްޔިތުންނަށް ކަންތައްތައް ކޮށްދެވޭނެ އެންމެ ރަނގަޅަކަށް ކޮށްދޭން،" ފައިސަލް ވިދާޅުވިއެވެ.
ފައިސަލްގެ ވާހަކަފުޅުގައި މާލޭގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ. ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވިއިރު ތޮއްޖެހިފައިވާ މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ގޮސްލާނެ ރަށެއް މާލެ ކައިރީގައި ނެތްކަން ފާހަގަކުރައްވާ ވާހަކަދައްކަވަމުން ފައިސަލް ވަނީ ރައީސް ސޯލިހުގެ ވައުދާ އެއްގޮތަށް އެފަދަ ރަށެއް [ކުޑަގިރި އައިލެންޑް] ތަރައްގީ ކޮށްފައި ވާނެ ކަމަށެވެ.
"މިކަމުގައި ވެސް [ކުޑަގިރި ތަރައްގީ ކުރުން] ކޮންމެ ދުވަހަކު. ކޮންމެ ދުވަހަކު ތަނުގެ މަސައްކަތްތައް..... އަޅުގަނޑު މިވާހަކަ މި ދައްކަނީ އަޅުގަނޑަށް އެކަން އެނގޭތީ އާޒިމްއާއެކު މަސައްކަތް ކުރެވުނީތީ. ކޮންމެ ހަފްތާއަކު ދެތިން ހަތަރު ދުވަހު ކުޑަގިރި އަށް ވަޑައިގެން އެކަންތައްތައް ކައިރިން ބައްލަވާ އެންމެ ހިތްފަސޭހަ ގޮތަކަށް ތައްޔާރު ކުރުމަށްޓަކައި އެންމެ އިސްކޮށް އެ މަސައްކަތް ކުރެއްވީ އާދަމް އާޒިމް،" ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ތަނެއްގައި ރަނގަޅު މީހަކު ހުއްޓާ ގޯސް މީހަކު އިހްތިޔާރު ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އެހެންކަމުން މާލޭގެ ރައްޔިތުން އާޒިމް މޭޔަރު ކަމަށް އިންތިހާބު ކުރުމަށް ފައިސަލް އެދިވަޑައިގަތެވެ.