ސީލައިފްގެ މައްސަލާގައި ހިޔާނާތުގެ ދައުވާ ލިބޭ އަހުމަދު މޫސާ (އައްމަޓީ) ރާއްޖެ އިން ބޭރަށް ދާން ކޯޓުން ހުއްދަ ދިނަސް, އޭނާ ސްރީލަންކާއަށް އެތެރެ ނުވެވިގެން ރާއްޖެ އަތުވެއްޖެ އެވެ.
ސީލައިފް ކުންފުނިން ފްލެޓް އިމާރާތް ކޮށްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލާގައި އެ ކުންފުނީގެ ވެރިޔާ އައްމަޓީގެ މައްޗަށް ކުރާ ހިޔާނާތުގެ ދައުވާތަކާ ގުޅިގެން އޭނާ ފުރުން މަނާކޮށްފައި ވަނިކޮށް، ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ އޭނާގެ ބޭސްފަރުވާއަކަށް 20 ދުވަހުގެ މުއްދަތަށެވެ.
އެ މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އައްމަޓީގެ ވަކީލް މަރިޔަމް ނިހާޔަތު ވިދާޅުވީ އައްމަޓީ ފުރަން ކޯޓުން ހުއްދަ ދިން ނަމަވެސް އިންޑިއާ މަގުން ލަންކާއަށް ދާން މަސައްކަތް ކުރުމުން އެ ފުރުސަތު ނުލިބި އޭނާ އެނބުރި ރާއްޖެ އައިސްފައިވާ ކަމަށް ނިހާޔަތު ވިދާޅުވި އެވެ.
ނިހާޔަތު ވިދާޅުވީ އައްމަޓީގެ ސިއްހީ ހާލަތު ހުރި ގޮތުން އޭނާގެ ހާލަތު ގޯސްވުމުގެ ފުރުސަތު އޮތް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އަދި އައްމަޓީ ރާއްޖެ އިން ބޭރަށް ދާން ހުއްދައަށް އެދުނީ އޭނާގެ އާއިލާ ދިރިއުޅެނީ ސްރީ ލަންކާގައި ކަމަށް ވާތީ އާއިލާ ކައިރީގައި ހުރެގެން ފަރުވާ ހޯދުމަށް ކަމަށް ނިހާޔަތު ވިދާޅުވި އެވެ.
ނިހާޔަތު ވިދާޅުވީ އައްމަޓީއަކީ ކޯޓަށް ފިލައިގެން އުޅޭ މީހެއް ނޫން ކަމަށާއި އޭނާއަކީ ބަންދުގައި ހުންނަންޖެހޭ މީހެއް ކަމަށް ދައުލަތުން ސިފަ ކުރަމުންދާ ކަމަށެވެ. އަދި ފިލަން އުޅޭނަމަ އައްމަޓީ ދަތުރު ކުރާނީ އާއިލާ ކައިރިއަށް ސްރީލަންކާއަކަށް ނޫނެވެ.
މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަމުން އައްމަޓީ ބުނީ އޭނާ ކުރަންޖެހޭ މައިބަދައިގެ އޮޕަރޭޝަނަކީ ވަރަށް ނާޒުކު އޮޕަރޭޝަނެއް ކަމަށާއި އަދި އޭގެ ނުރައްކާތެރިކަން ޑޮކްޓަރު ކިޔައިދީފައިވާ ކަމަށެވެ.
ދައުލަތުން ބުނިގޮތުގައި އައްމަޓީ ސްރީ ލަންކާ އަށް އެތެރެވާން އެ ގައުމުން ހުއްދަ ނުދިން މައްސަލައަކީ އެ މައްސަލާގެ ތެރެއިން ގޮތް ނިންމޭނެ ކަމެއް ނޫން ކަމެއް ކަމަށެވެ.
ދައުލަތުން ބުނިގޮތުގައި އައްމަޓީ ބޭރަށް ދާން ޖެހޭ އެކަށީގެންވާ ސަބަބެއް އޮތަސް، އޭނާއަށް ދޭން ޖެހޭނީ ވަގުތީ ޓްރެވަލް ޑޮކިއުމެންޓެކެވެ.
އެ މައްސަލަ ހައި ކޯޓުން ނިމެންދެން އައްމަޓީ ފުރުން މަނާކުރުމުގެ ވަގުތީ އަމުރަކަށް ދައުލަތުން ހައި ކޯޓުގައި އެދުނެވެ. ނަމަވެސް އައްމަޓީގެ ވަކީލް ވިދާޅުވި ގޮތުގައި އެފަދަ އަމުރެއް ނެރެންޖެހޭ ސަބަބެއް މިވަގުތު ނެތެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން މިއަދު ވަނީ ނިންމާލައިފަ އެވެ.
މި ރާއްޖޭގައި ގާޒީކަން ކުރަން ތިބެނީ އިންސާނުންކަމާއިމެދު ޝައްކު އުފެދޭ. ކިތަންމެ ގިނަބަޔަކަށް ކިތަންމެ ބޮޑު ޚިޔާނާތެއް ވިޔަސް ކޯޓުތަކުން ދަނީ ހުރިހާމީހުން ވެސް މިނިވަން ކުރަމުން. އެއްވެސް މައްސަލައެއް ދުވަހަކުވެސް ނުނިމޭ. މި އަންމަޓީ މަގޭ ލާރިކޮޅެއް ކާލިނަމަ މިހާރު މަގުމަތިން މައްސަލަ އޮތީހީ ނިމިފަ.
އަހުމަދު