ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ބަލާ މިންގަނޑު ބަދަލުކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކިކުރުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ރައީސް މުއިއްޒު ހުވާ ކުރެއްވިތާ މާ ގިނަ ދުވަސް އަދި ނުވާ ކަމަށާއި ސަރުކާރުގެ ވުޒާރާތަކުގެ މެންޑޭޓާއި ރުހުން ދިނުން ވެސް އަދި މަޖިލީހުން ފުރިހަމަނުވާ ކަމަށެވެ. އެހެންކަމުން ވަޒީރުންނަށް ރުހުން ދީ ސަރުކާރަށް ފުރުސަތު ދޭންޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވަނީ މަޖިލީހުގެ ގަވާއިދަށް އިސްލާހުތަކެއް ގެނެސްފައި ވަނީ ރައީސާއި ނާއިބު ރައީސް ވަކި ކުރުމާއި ގުޅޭ މާއްދާ އަށް ކަމަށެވެ. އޭނާ ވަނީ މިއީ ކޮން ކަމެއްތޯ ސުވާލު ކުރައްވާފައެވެ. ގާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނާއިބު ހުވާ ކުރެއްވިތާ އިއްޔެ މަހެއްވީއިރު ރައީސުލްޖުމްހޫރިއްޔާގެ ވަޒީރުންނަށް ރުހުން ދޭން ފޮނުވި މައްސަލަ އަށް ވެސް އަދި މަޖިލިސް ތެރެއިން ގޮތެއް ނިމިފައި ނުވާ ކަމަށެވެ.
"ކޮންމެއަކަސް އަޅުގަނޑު ދަންނަވާނީ ރައްޔިތުން މަޖިލީހުން ކޮންމެހެން ކުރަން ޖެހޭ ކަމެކޭ ވަޒީރުންނަށް ރުހުން ދިނުން. ވަޒީރުންނަށް ރުހުން ދޭން ޖެހޭއިރު ބަލާލާއިރު ގާނޫނުއަސާސީގައި ގާނޫނުގައި ކަނޑައެޅިގެން ބަޔާންވެގެންވޭ މިނިސްޓަރެއްގެ ގައިގައި ހުންނަންޖެހޭ ޝަރުތުތައް. އެ ޝަރުތުތައް ފުރިހަމަވާ ނަމަ، ރައީސުލްޖުމްހޫރިއްޔާގެ އެ ރިކުއެސްޓު ނުވަތަ އެ އެދިވަޑައިގަތުމަށް އަޅުގަނޑުމެން މި މަޖިލީހުގައި ތިއްބެވި ހުރިހާ ބޭފުޅުން ވެސް ރުހުން ދެއްވަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ގާސިމް އިބްރާހީމް ވިދާޅުވިއެވެ.
ގާސިމްގެ ވާހަކަފުޅުގައި ގާނޫނުއަސާސީގައި ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އަދަދު ސާފުކޮށް ބަޔާން ކޮށްފައިވާއިރު މަޖިލީހުގެ ގަވާއިދަށް ގެންނަ އިސްލާހަކުން މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑަނޭޅޭނެ ކަމަށް ވިދާޅުވިއެވެ. ގާސިމް ވަނީ އެމްޑީޕީ އަށް ވެރިކަން ނުލިބުމުން، މަޖިލީހުގެ މެޖޯރިޓީ ބޭނުން ކޮށްގެން އެފަދަ އިސްލާހުތަކެއް [ރައީސާއި ނާއިބު ރައީސް ފަސޭހައިން އަޒުލު ކުރެވޭ އިސްލާހު] ފާސް ކުރުމަކީ ލަދުވެތި ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
އެހެންކަމުން ގާސިމް ވަނީ އެ މަސައްކަތް ހުއްޓާލުމަށް ގޮވާލައި މަޖިލީހަށް ފޮނުވާފައިވާ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އަވަސް ކުރުމަށް ގޮވާލައިފައެވެ.