ރާއްޖެ އަށް ކޮންމެ އަހަރަކުވެސް މީހުން ހައްޖަށް ގެންދިއުމަށް ސައުދީ އަރަބިއްޔާ އިން ދެމުން ގެންދާ ރަސްމީ ހައްޖު ކޯޓާ މުޅިން އެއްކޮށް ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
މިއަދު ބޭއްވި ވަޒީރުން މަޖިލީހުގެ ބައްދަލުވުމުގައި މިގޮތަށް ނިންމާފައި ވަނީ ހައްޖު ކޯޕަރޭޝަންގައި ގިނަ އަދަދެއްގެ ބަޔަކު ހައްޖަށް ދިއުމަށް އެދިފައި ވާތީ، ހައްޖުވެރިންގެ އިންތިޒާރު ދިގުލައިގެން ނުދިއުމުގެ ގޮތުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ޝަހީބް މިހާރު ބާއްވަމުން ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އެ ނިންމުމާއި ގުޅިގެން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެހިގެންދާނެ ކަމަށް ޝަހީބް ވިދާޅުވިއެވެ.
ހައްޖަށް ދިޔުމަށް މިވަގުތު ހައްޖު ކޯޕަރޭޝަނުގެ ކިޔުގައި 6000 މީހުން ރަޖިސްޓްރީވެފައި ތިއްބެވެ. މީގެތެރެއިން 4706 މީހުން ވަނީ ޙައްޖަށް ދިއުމަށް ދައްކަން ޖެހޭ ފައިސާ ވެސް ވަނީ އެއްކޮށް ދައްކާފައެވެ. އެހެންކަމުން އެފަރާތްތަކުގެ އިންތިޒާރު ދިގުލައިގެން ދިޔަ ނުދިނުމަށާއި، ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް އާއްމު ރައްޔިތުންގެ އިތުބާރު ބޮޑުކުރުމަށްޓަކައި، ކޮންމެ އަހަރަކު ރާއްޖެއަށް ލިބޭ ރަސްމީ ހައްޖު ކޯޓާ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހަވާލުކުރަންޖެހޭ ކަމުގައި މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާ ކުރިއެވެ.
މީގެ އިތުރުންވެސް ހައްޖަށް ގެންގޮސްފައިވާ ގިނަ ކުންފުނިތަކުން ހައްޖުވެރިންނަށް ދީފައިވާ ހިދުމަތުގެ ފެންވަރާމެދު ވޭތުވެދިޔަ އަހަރުތަކުގައި ގިނަ ޝަކުވާތަކެއް އިސްލާމިކް މިނިސްޓްރީ އަށާއި، ދިވެހި ހައްޖު މިޝަނަށް ލިބިފައިވާކަން މިއަދުގެ ބައްދަލުވުމުގައި ފާހަގަކުރިއެވެ.
އަދި ކުންފުނިތަކަށް ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ލިބުމަށްފަހު، މިނިސްޓްރީން ހުއްދަ ދީފައި އޮންނަ އަގަށްވުރެ ބޮޑު އަގު ހައްޖުވެރިންގެ އަތުން ނަގާކަމުގެ ޝަކުވާ އަބަދުވެސް އިވެމުން އަންނަ ކަމަށާއި އެހެންކަމުން، ދިވެހިރާއްޖެއަށް ލިބޭ ރަސްމީ ހައްޖު ކޯޓާއަށް މީހުން ހައްޖަށް ގެންދިއުން، މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދޭ ގޮތަށް ހަމަޖެއްސެވުމުން އެ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް ވަޒީރުން މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ.