ތިމާމެންގެ އާރާބާރު ދައްކާލާން ބޭނުންވީމާ ރައްޔިތުންނަށާއި ގައުމަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކަމަށް ނިންމުމަކީ ދިވެހި ދައުލަތަށާއި ދިވެހި އާއިލާ އަށް ކަނޑައެޅިގެން ޣައްދާރުވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުރަވީ ދުވަހުގެ މުނާސަބަތާއި ގުޅިގެން މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވަނީ ހުރަވީ ދުވަހާ ގުޅިފައިވާ ހާދިސާއަށް ބަލާ އިރު، އެ ކަމުގައި ތާރީހުގެ އަލިފަރާތަކާއި ތާރީހުގެ އަނދިރި ފަރާތެއް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. ތާރީހުގެ އަލިފަރާތުން ފެންނަނީ ދުވަހުގެ ބަތަލް މުލީގޭ ދޮން ހަސަން މަނިކުފާނު ނުވަތަ ދޮން ބަންޑާރައިނާއި އެމަނިކުފާނަށް ވަފާތެރި ދިވެހީންގެ ލަޝްކަރު ކަމަށާއި އަނދިރި ފަރާތުން ފެންނަނީ ދިވެހި ގައުމަށް ހިޔާނާތެރިވި އަދި ހޮޅިންގެ އަތުން ކަނޑުފައްތާ މަރާލި ޝަމްސުއްދީނާއި މުހުޔިއްދީނާއި އެ ދެ މީހުންގެ ދައުވަތަށް އައި އަނިޔާވެރި ހޮޅީންގެ ލަޝްކަރު ކަމަށް ރައީސް ވިދާޅުވިއެވެ.

"ގާނޫނީ ސަރުކާރަކަށް ލޮޅުން އަރުވާލަން، އަދި ވަކިން ހާއްސަކޮށް ތިމާމެންގެ އާރާބާރު ދައްކާލާން ބޭނުންވީމާ ރައްޔިތުންނަށާއި މި ލޮބުވެތި ދިވެހިރާއްޖެއަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކަމަށް ނިންމުމަކީ ދިވެހި ދައުލަތަށާއި މި ލޮބުވެތި ދިވެހި އާއިލާއަށް ކަނޑައެޅިގެން ޣައްދާރުވުން. ގައުމަށް ދެރަ ލިބޭނެހެން ކަންކަން ރާވައި ހިންގައި، ގައުމަށް ޣައްދާރުވާ މީހުންނަކީ ފިނޑި ނިކަމެތި ބައެއް،" ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ހުރަވީ ދުވަހުގެ ޖަލްސާގެ ތެރެއިން: ފޮޓޯ | ރައީސް އޮފީސް

ހުރަވީ ދުވަހުގެ ބަތަލުގެ ވާހަކަފުޅު ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވީ ދޮން ބަންޑާރައިނާ މާތް ސިފަފުޅަކީ ނިންމަވާ ކޮންމެ ނިންމެވުމެއް ދިވެހި ގައުމާއި އެއްކޮޅަށް ނިންމެވުން ކަމަށެވެ. އަދި އެ ދުވަސްވަރުގެ ޖިއޯޕޮލިޓިކަލް ހަގީގަތުގެ މައްޗަށް ލޯފުޅު ހުޅުއްވިފައިވާލެއް ބޮޑުކަން ރައީސް ފާހަގަކުރެއްވިއެވެ.

"މީގެ މިސާލަކީ ހޮޅީންގެ ދުއްތުރާތައް ރާއްޖެއަށް އެކި ގޮތްގޮތަށް އައުން ގިނަވާން ފެށީމާ އެ ދުވަސްވަރު މި ސަރަހައްދަށް ނުފޫޒުފޯރުވަމުން ގެންދިޔަ ފަރަންސޭސީންނާ ވާހަކަދައްކަވައި ދޮންބަންޑާރައިންގެ އިސްނެންގެވުމަށް ފަރަންސޭސިންނާއެކު ދިވެހި ދައުލަތުންވި އެއްބަސްވުން. މި އެއްބަސްވުން އެކުލަވައިލެއްވުމުގައި ދޮންބަންޑާރައިންގެ ވިސްނުންފުޅަކީ ހޮޅީން ދޭތެރެދޭތެރޭން މާލެއަށާއި އަދި ރާއްޖޭގެ އެހެން ރަށްރަށަށް އަރައި ގެއްލުންތައް ދެމުން އަންނަ އައުމުން ދިވެހި ގައުމު ސަލާމަތްކުރެއްވުން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ހުރަވީ ދުވަހުގެ ޖަލްސާގެ ތެރެއިން: ފޮޓޯ | ރައީސް އޮފީސް

ރައީސް ވިދާޅުވީ ތާރީހުން އެނގޭ ގޮތުގައި އެ އެއްބަސްވުން ބިނާވެފައި އޮތީ ފަރަންސޭސީންނަށް ދިވެހި ދައުލަތުގެ ބާރުތައް ފަހަނައަޅާ ނުދެވޭ ގޮތަށް ކަމަށެވެ. ދިވެހީންގެ ގަބޫލުކުރުންތަކާއި އުސޫލުތަކަށް ފަރަންސޭސިން ކަމޭހިތަން ޖެހޭ ގޮތަށް އެ އެއްބަސްވުން ވެފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

"ކުރުކޮށް ދަންނަވާ ނަމަ، ދިވެހިރާއްޖޭގެ ދީނާއި ދިވެހި ބިން، ދިވެހިރާއްޖޭގެ ގައުމީ ސިޔާދަތާއި ދިވެހީން، މި ހުރިހައި ކަމަކާގުޅޭ ބާރާއި އިހްތިސާސެއްގެ ހައްގު ދިވެހި ދައުލަތުން ކަށަވަރުކުރާ ގޮތަށް. ފަރަންސޭސީންނަށް އެއިން ކަމަކާ ހިލާފުނުވެވޭގޮތަށް. އަދި ކީއްތޯ؟ އެ ކަންކަމަށް ފަރަންސޭސީން ކުޑަވެސް ޚިލާފެއް ވެއްޖެއްޔާ އެ އެއްބަސްވުން ބާޠިލުވާ ގޮތަށް،"
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

މީގެ އެތައް ސަތޭކަ އަހަރުތަކެއް ކުރިން އެކުލަވާލި އެފަދަ އެއްބަސްވުމުގައި ވެސް ކާބަފައިން ދިވެހީންގެ ދިވެހިވަންތަކަން ކަށަވަރުކޮށްދީފައި ކަމަށާއި ދައުލަތެއްގެ ގޮތުގައި ދިވެހީންގެ ހުރި ސިޔާސީ ފުދުންތެރިކަން ސާބިތުކޮށްދީފައި ކަމަށް ރައީސް ވިދާޅުވިއެވެ.