ބަރަހަނާ ވެބްސައިޓުތަކަށް ވަނުން ބަންދު ކުރުމުގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށާއި އަންނަ ހަފްތާގައި އެފަދަ ހުރިހާ ވެބްސައިޓުތަކަށް ވަނުން މުޅިން އެއްކޮށް ބަންދު ކުރެވިގެން ދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުރަވީ ދުވަހާއި ގުޅިގެން ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓްތަކަކީ ރާއްޖޭގައި ޒަމާނުއްސުރެ މިނެއް ނެތި ހުޅުވައިލެވިފައިވާ މައިދާނެއް ކަމަށެވެ. ނަމަވެސް އެކަމަކީ ދިވެހިރާއްޖޭގެ ގާނޫނު މަނާ ކުރާ ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
އެ ނާތަހުޒީބު ދޮރުތައް ބަންދުކުރަން ދިވެހީންގެ ގާނޫނާއި ދީން ވެރިޔާގެ މައްޗަށް ލާޒިމުކުރާ ކަމަށާއި ހަމަ އެހެންމެ ޒަމާނީ ދިރާސާތަކުން ކަށަވަރުވާ ގޮތުގައި އެފަދަ މައިދާންތަކަށް ދެވި ހިފުމަކީ އިންސާނާގެ ސިކުނޑީގެ ނިޒާމު ހަލާކު ކޮށްލާ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން އިންސާނާގެ ސިކުނޑި ލޮޑުކޮށްލާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އޭނާގެ އުފެއްދުންތެރިކަން މަރައިލާކަމެއް. ނަފުސާނީ ބަލިމަޑުކަމެއްގެ ތެރޭގައި މީހާ ޣަރަގުކޮށްލާ ކަމެއް. މި ފަދަ އެތައް ސަބަބެއް އޮތީތީ މާތްވެގެންވާ އިސްލާމްދީން ވަނީ މާ ކުރިން މި ފަދަ ހުތުރު އަމަލުތައް ނަހީކުރައްވާފައި. ގާނޫނު ވެސް ވަނީ އެކަން މަނާކޮށްފައި. އެއީ އިންސާނާއާއި ގައުމާއި މުޅި އިންސާނިއްޔަތުގެ ސަލާމަތަށްޓަކާ،" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހައި ދޮރެއްގައި މި ސަރުކާރުން "ތަންޑު" އަޅުވާނެ ކަމަށާއި މިހާރު އެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ކުރިޔަށް އޮތް ހަފުތާ ތެރޭގައި ރާއްޖެއިން ލަދުހުތުރު ވެބު ސައިޓުތަކަށް ނުވަދެވޭ ގޮތަށް އެ ފަދަ ވެބްސައިޓްތައް މުޅިން ބަންދުކޮށްލެވޭނެ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވިއިރު ބަރަހަނާ މަންޒަރުތައް ފެންނަ ގިނަ އަދަދެއްގެ ވެބްސައިޓުތައް މިހާރު ރާއްޖެއިން ވަނީ މަނާ ކޮށްފައެވެ.