ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަޙައްދުގައި ދުއްވުމާއި ބަނދަރުކުރުމާއި ބެހޭ ގަވާއިދަށް ކުރީގެ ސަރުކާރުން ހަދާފައިވާ ގަވާއިދު ވަރަށް އަވަހަށް އިސްލާހު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 14ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީން އިސްލާހު ގެނެސްފައިވާ އެ ގަވާއިދުގައިވާ ގޮތުން، ބޭޭރުގެ ޓޫރިސްޓް އުޅަނދު މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އިންވާޑް ކްލިއަރަންސް ދޭ ދުވަހުން ފެށިގެން ހަތް ދުވަހަށްވުރެ ދިގު މުއްދަތެއް ރާއްޖޭގައި ހޭދަކުރާނަމަ އަދި އެ އުޅަނދަކީ 20 މީޓަރަށްވުރެ ބޮޑު އުޅަނދެއްނަމަ ކްރޫސިން ޕާމިޓް ހޯދުމަށް ޓަކައި 1،000 އެމެރިކާ ޑޮލަރުގެ ފީއެއް މީރާ އަށް ދެއްކުމުން ކްރޫސިން ޕާމިޓް އޭޖެންޓަށް ދޫކުރަންވާނެއެވެ.

މީގެއިތުރުން ކްރޫސިން ޕާމިޓް ލިބިފައިވާ 20 މީޓަރަށްވުރެ ބޮޑު އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައ،ި ބަނދަރުކޮށް ހަދާ މުއްދަތަށް ދުވާލަކަށް 100 އެމެރިކާ ޑޮލަރުގެ ފީއެއް މީރާ އަށް ދައްކަން ޖެހެއެވެ. އެހެންނަމަވެސް 20 މީޓަރާއި 20 މީޓަރަށްވުރެ ކުދި އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި 90 ދުވަހާ ހަމައަށް އެއްވެސް ފީއަކާ ނުލައި ދުއްވައ،ި ބަނދަރުކުރެވޭނެ ކަމަށް ވެސް އެ ގަވާއިދުގައިވެއެވެ.

ހަމައެއާއެކު ކޮންމެ ކޮޓަރިއެއްގައި ފަސިންޖަރުން ހޭދަކުރާ ދުވަހެއްގެ ރޭޓުން ޖީއެސްޓީ އަށް 16 ޕަސެންޓު ދައްކަން ޖެހެއެވެ.

ޓޫރިޒަމް މިނިސްޓަރު ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ކުރޫޒު ލައިނާ ތަކާ ގުޅޭގޮތުން ނިމިދިޔަ ސަރުކާރުން ހަދާފައިވާ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ ދާދި އަވަހަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ލިބިގެންދާނެކަ މުގެ ޔަގީންކަން އަރުވަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިހާރު ގަވާއިދު އޮތް ގޮތުން ރާއްޖެ އައުމަށް ކުރިން ޝެޑިއުލް ކޮށްފައިވާ ކްރޫޒްލައިންތަކުން ވެސް ދަތުރުތައް އަންނަނީ ކެންސަލް ކުރަމުންނެވެ.