މިއަދު ފާހަގަކުރާ ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ މިރޭ ބާއްވާ ގޮތަށް ސަރުކާރުން ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ހުރަވީ ދުވަސް ކުލަގަދަކޮށް ރާއްޖޭގައި ފާހަގަނުކުރާތާ ގިނަ އަހަރުތަކެއް ފާއިިތުވެފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރުން މިއަހަރު ވަނީ ހުރަވީ ދުވަހުގެ މުނާސަބަތުގައި ހާއްސަ ޕްރޮގްރާމުތަކެއް ރާވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެގޮތުން މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް އިން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދިޔަ ކުޑަކުދިންގެ ހަވީރެއް އިއްޔެ ހަވީރު ވަނީ ބާއްވާފައެވެ. އަދި، މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ހުރަވީސް ދުވަސް:

ކޮންމެ އަހަރެއްގެ ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހަކީ ހުރަވީ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރާ ދުވަހެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުރަވީ ދުވަހުގެ ނަމުގައި ދުވަހެއް ފާހަގަކުރެވުނީ ހިޖުރައިން 1400 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 (18 އޭޕްރީލް 1980) ވަނަ ދުވަހުއެވެ.

1166 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 ވީ އާދީއްތަ ވިލޭރެއަކީ ދޮންބަންޑާރައިން ހޮޅީންގެ ކިބައިން ރާއްޖެ މިނިވަންކުރެއްވި ތާރީޚެވެ. ހުރަވީ ދުވަހުގެ ގޮތުގައި މިދުވަސް ފާހަގަކުރަނީ، ދިވެހި ޤައުމުގެ އެންމެހައި މުވާޠިނުން ޤައުމީ އަބްޠާލުންގެ ޒިކުރާ އަމަލީގޮތުން ދިރުވުމުގެ ހިތްވަރު ލިބިގަތުމަށާއި، އެއަބްޠާލުން ގެނެސްދެއްވި މިނިވަންކަމާއި، ޤައުމިއްޔަތު ދެމެހެއްޓުމުގެ ޢަޒުމާއި ޖޯޝް ދިވެހި ހިތްތަކުގައި ދިރުވައި ދެމެހެއްޓުމުގެ ގޮތުންނެވެ.