ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް 104 ދައުވާއެއް އުފުލައި, ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
ކޭ ޕާކް ހަދަމުންދާ ހަންބޯ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ މަންޑޭ ފްލެޓް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި ކަމަށް ތުހުމަތުވާ އެ މައްސަލާގައި މަންޑޭ ހައްޔަރު ކުރުމަށްފަހު މިހާރު ހުރީ ދޫކޮށްލައިފަ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެ މައްސަލާގައި މަންޑޭގެ މައްޗަށް ކުރީ ޓެކުމުގެ 50 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާގެ އިތުރުން އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާއެއް ކަމަށެވެ.
މި ދައުވާތައް ސާބިތުވެއްޖެނަމަ މަންޑޭގެ މައްޗަށް 40 އަހަރެއްހާ ދިގު ޖަލު ހުކުމެއް އަންނާނެ އެވެ.
ޕީޖީ އޮފީހުން ބުނިގޮތުގައި ޓެކުމުގެ ދައުވާތައް ކުރަނީ އެއް އެޕާޓްމެންޓެއް އެކަކަށް ވުރެ ގިނަ މީހުންނަށް ވިއްކާފައިވާތީ އެވެ. އަދި މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ ހަންބޯ ކުންފުނީގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ އަތުލުމަށްފަހު މަންޑޭ އެ ފައިސާ ބޭނުން ކޮށްފައިވާތީ އާއި ހުޅުމާލޭގެ އެފް ޑަބްލިއު ރެސިޑެންސްއިން އަގުބޮޑު ފްލެޓެއް އޭނާ ގަނެފައިވާތީ އެވެ.
ޕީޖީ އޮފީހުން ބުނިގޮތުގައި އެ މައްސަލާގައި ގެއްލުނު ލިބުނު ފަރާތްތަކަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދޭން ވެސް އެ މައްސަލާގައި އެދިފައިވާނެ އެވެ.
އެ މައްސަލާގައި އިތުރު ބައެއް މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެ މައްސަލާގައި މަންޑޭގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު، އޭނާ ގަނެފައިވާ އެޕާޓްމެންޓާއި އަގުބޮޑު ސާމާނުތައް ވެސް ފުލުހުން މިހާރު ވަނީ ހިފަހައްޓައިފަ އެވެ. އޭނާ ގެންގުޅުނު އަގުބޮޑެތި ސާމާނާއި ދަބަހާއި ސެންޓް ފަދަ ތަކެތި ދާދިފަހުން ޕީޖީ އޮފީހުން ވަނީ އާންމުކޮށްފަ އެވެ.