މާލެ ސިޓީ ކައުންސިލްގެ މޭޔަރާއި އަދި ކައުންސިލްގެ ހުސްވެފައިވާ ތިން މަގާމަށް ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުން ވެސް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅައިފިއެވެ.

މިއަދު މެންދުރުފަހު އިލެކްޝަންސް ކޮމިޝަނުގައި އޮތް ރަސްމިއްޔާތެއްގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓާއި މެދު ހެންވޭރު އަދި ހެންވޭރު ދެކުނު ދާއިރާ އަށް ވާދަކުރައްވާ ކެންޑިޑޭޓުން ވަނީ ފޯމު ހުށަހަޅުއްވައިފައެވެ. އެބޭފުޅުންގެ ފޯމުތަކާއި ހަވާލުވެވަޑައިގަތީ ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއީލް ހަބީބާއި ކޮމިޝަނުގެ މެންބަރުންނެވެ.

ފޯމު ހުށަހެޅުއްވުމަށްފަހު ކޮމިޝަނުގެ ނާއިބު ރައީސް އަދި ކޮމިޝަނުގެ މެންބަރުން ވަނީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓުންނަށް އިންތިހާބު ކުރިޔަށް ގެންދިއުމަށް އެ ކޮމިޝަނުން ރާވާފައިވާ ގޮތުގެ ބައެއް ތަފްސީލުތައް ހިއްސާ ކުރައްވާފައެވެ. އެގޮތުން ވޯޓާސް ލިސްޓު އާއްމު ކުރާނެ ތާރީހާއި ވޯޓުލާ މަރުކަޒުތަކުގެ މައުލޫމާތުތައް ހިއްސާ ކުރެއްވިއެވެ.

ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަނުގައި ވާދަކުރައްވާ ކެންޑިޑޭޓުން: ހަތާވީސް ފޮޓޯ | އާދަމް ނަޒީރު

އެ ބައްދަލުވުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމަށް ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު އެންމެ ބޮޑަށް މަސައްކަތް ކުރައްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީއާ މެދު ގެންގުޅުއްވާ ތަސައްވަރު ފުރިހަމަ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ. އަދި މާލޭގެ ރައްޔިތުންނަށް އެދެވޭ ރަނގަޅު ހިދުމަތެއް ދެއްވާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކަށް ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމަށްވުރެ މުހިއްމު ކަމެއް ނޯންނާނެ. އަދި އަޅުގަނޑުމެން މިއަދު މި ކުރިމަތިލަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިޝަންގެ ތެރެއިން މާލެ އަށް ހާއްސަ ކުރެވިފައިވާ ބައި ތަންފީޒު ކުރުމަށްޓަކައި،" އާޒިމާ ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލް ބައި-އިލެކްޝަން ބާއްވަން ނިންމާފައި ވަނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ.