ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން އިހަވަންދިއްޕޮޅުގައި އަޅަން ނިންމި ޓްރާންސްޝިޕްމަންޓް ބަނދަރު، ލ. އަތޮޅަށް ބަދަލު ކުރުމަށް މި ސަރުކާރުން ނިންމާފައިނުވާ ކަމަށް އިޤުތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދު އެހެން ވިދާޅުވީ އެމަނިކުފާނާ ސުވާލު ކުރުމަށް މަޖިލީހަށް މިއަދު ހާޒިރުކުރުމުން، މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ އިހަވަންދިއްޕޮޅުގައި ތަރައްގީކުރަން ނިންމާފައިވާ ބަންކަރިންގެ ހިދުމަތާއި އެ ނޫން ވެސް އިންޑަސްޓްރިއަލް މަސައްކަތްތައް އެ ސަރަހައްދުގައި މި ސަރުކާރުން ތަރައްގީ ކުރާނެ ކަމަށެވެ.

"އިހަވަންދިއްޕޮޅުގައި އަޅަން ގަސްތުކުރާ ޕޯޓެއް، ލ. އަތޮޅަކަށް ބަދަލެއް ނުކުރޭ. ސަރުކާރުގެ ވައުދަކީ، ޑރ. މުހައްމަދު މުއިއްޒުގެ ވައުދަކީ އިހަވަންދިއްޕޮޅުގައި ވެސް ޕޯޓު ގާއިމުކުރުން، އެތާނގައި ކުރެވޭނެ އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުމާއެކުގައި ލ. އަތޮޅުގައި ވެސް ލ. އަތޮޅުގައި ވެސް ބަނދަރެއް ގާއިމުކުރުން. އެއީ ދެ ޗެނަލްއަކަށް ވާތީ އެ ވާހަކަ އައިސްގެން އުޅެނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މި ސަރުކާރުން ނިންމާފައި ވަނީ ލ. އަތޮޅު ގާދޫގައި ޓްރާންޝިޕްމަންޓް ބަނދަރެއް ގާއިމު ކުރުމަށެވެ. އެއީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ޑރ. މުހައްމަދުު މުއިއްޒު ވެވަޑައިގެންނެވި ވައުދެކެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލު:

  • ރާއްޖޭގެ އެންމެ އުތުރަކީ އެތައް ކާގޯބޯޓުފަހަރެއް ކޮންމެ ދުވަހަކު ވެސް ރާއްޖެ ހުރަސްކޮށް ދަތުރުކުރާ ސަރަހައްދަކަށްވުމުން، އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ތަރައްގީ ކުރެވެންދެން، އެ ސަރަހައްދަުން ދަތުރުކުރާ އާގު ބޯޓުފަހަރަށް ބޭނުންވާ ހިދުމަތްތައް ގާއިމުކުރުމަށް ނިމިދިޔަ ސަރުކާރުން ނިންމަވައި، އެ ސަރަހައްދުގައި ތެޔޮ ސްޓްރޭޖެއް ގާއިމުކޮށް ބަންކަރިންގެ ހިދުމަތް ފެށުމަށް ގަތަރުގެ އާބަކޮން ޓްރޭޑިންގ އެންޑް ކޮންޓްރެކްޓިންގ ކުންފުންޏާ އެކު ސޮއިކުރެވިފައިވާއިރު، އެ މަސައްކަތާއި އިހަވަންދިއްޕޮޅުގައި ތަރައްގީކުރުމަށް ކުރީ ސަރުކާރުން ނިންމެވި ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދިއުން ހުއްޓަވާލެއްވީތޯ؟ އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މިހާރު ނިންމަވާފައިވާ ގޮތަކީ ކޮބައިތޯ؟

އެ ސުވާލާ ގުޅިގެން، މިނިސްޓަރު ވިދާޅުވީ ގަތަރުގެ އާބަކޮން އާ އެކު އެމްއޯޔޫގައި ސޮއިކޮށްފައި ވަނީ އެސްޓީއޯ އިން ކަމަށެވެ. ސޮއިކޮށްފައިވާ އެއްބަސްވުން ދެމި އެބަ އޮތް ކަމަށާއި އެ މަސައްކަތް ހުއްޓާލާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ މަޝްރޫއު ކުރިއަށް ގެންދާނެ ގޮތެއް ސަރުކާރުން އަދި ނިންމާފައިނުވާ ކަމަށް ސައީދު ވިދާޅުވިއެވެ.

"އަޅުގަނޑު ޗެކްކޮށްލިން އެސްޓީއޯއިން. އެ އެންއޯޔޫ އެކްޓިވް ތޯ؟ ވިދާޅުވީ އެކްޓިވްކޮށޭ އޮތީ... މިނިސްޓަރުގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވަން އެ މަސައްކަތް ކުރިއަށްގެންދާނެ ގޮތެއް އަދި ނުނިންމަން. އަޅުގަނޑުމެން ކުރިއަށް ގެންދަނީ މިކަހަލަ އެތައް ކަމެއް ރިވިއު ކުރުމުގެ މަސައްކަތް. އެ އެމްއޯޔޫއަކީ ދެ ކުންފުންޏެއްގެ ދެމެދުގައި އޮތް އެމްއޯޔޫއެއް، އަޅުގަނޑު އުންމީދު ކުރާ ގޮތުގައި ކުންފުނިން އެކަން ނިންމާނީ،" ސައީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު-- ފޮޓޯ/ މަޖިލިސް

ޓްރާންޝިޕްމަންޓު ބަނދަރު ހެދޭނީ ކިހިނެތް؟

މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ހެދޭނީ އެ ބަނދަރަކުން ކާގޯ ކުރާނެ މުދަލެއް ހުންނަންޖެހޭނެ ކަމަށެވެ. އެގޮތުން "ޓްރާންޝިޕްކުރާނެ ކާގޯއެއް" އުފެއްދުމާ ގުޅޭ ގޮތުން ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ދިރާސާކޮށްފައިވާ ކަމަށެވެ. ރާއްޖެއިން ކާގޯ ބޯޓުތަކަށް އަރުވާނެ މުދަލެއް ކަނޑައެޅުމަކީ އެކަމަށް އިންވެސްޓުކުރާނެ ފަރާތަކުން ނިންމާނެ ކަމަށް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.