ސަރުކާރުގެ "ހަފުތާ 14" ގައި ވާގޮތަށް، މަސްވެރިންގެ ގައުމީ ދަފްތަރެއް ގާއިމުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެގޮތަށް ނިންމަވާފައި ވަނީ މިއަދު ބޭއްވެވި ވަޒީރުން މަޖިލީހުގެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ހުށައެޅުއްވި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށެވެ.

ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން މަސްވެރިންގެ ގައުމީ ދަފްތަރެއް އެކުލަވާލައި، ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލުމަކީ ސަރުކާރުގެ ހަފުތާ 14 މަގުޗާޓުގައިވެސް ހިމަނާފައިވާ ކަމެކެވެ. އެ ކަރުދާހުގައި ފާހަގަކޮށްފައިވާ ގޮތުގައި އެފަދަ ދަފުތަރެއް އެކުލަވާލުމުގެ މައިގަނޑު އެއް ބޭނުމަކީ މަސްވެރިކަމަކީ ޕްރޮފެޝަނަލް މަސައްކަތެއްގެ ގޮތުގައި ކަނޑައެޅި މަސްވެރިންނަކީވެސް އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދައުލަތް ދަންނަ އާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުމެވެ.

މިއަދުގެ ކެބިނެޓު ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު ޝިޔާމް ބައިވެރިވެވަޑައިގެން: ފޮޓޯ | ރައީސް އޮފީސް

ހަމަ އެހެންމެ، އެފަދަ ދަފްތަރެއް އޮތުމަކީ މަސްވެރިން ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމަށާއި، ތަފާތު އެކިއެކި ބޭނުންތަކަށް މަސްވެރިންނަށް އަމާޒުކޮށް ލޯނު ދޫކުރުމަށާއި މަސްވެރިންނަށް ދައުލަތުން ފޯރުކޮށްދިނުމަށް ބޭނުންވާ އިޖްތިމާއީ ރައްކާތެރިކަމާއި ސަބްސިޑީ ފަދަ ވަސީލަތްތައް ސީދާ މަސްވެރިންނަށް ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކޮންމެހެން މުހިންމު ކަމެއްކަމުގައި އެ ކަރުދަހާގުގައި ބަޔާން ކޮށްފައިވެއެވެ.

މީގެ އިތުރުން އެ ދަފުތަރުގައި މަސްވެރިންގެ ގޮތުގައި ކަނޑައަޅާ ފަރާތަކީ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން އާމުދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަން ކަމުގައި ހިމެނޭ ނުވަތަ އާމުދަނީގެ ބޮޑުބައެއް ހިއްސާ ކުރަނީ މަސްވެރިކަމުން ލިބޭ އާމްދަނީން ކަމުގައި ހިމެނޭ ފަރާތަކަށް ވާންޖެހޭ ކަމަށް ކަނޑައަޅާފައިވެއެވެ.

މިއަދު ބޭއްވި ވަޒީރުން މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ | ރައީސް އޮފީސް

މަސްވެރިކަމާބެހޭ ގާނޫނުގެ ދަށުން މަސްވެރިންގެ ދަފުތަރެއް އެކުލަވާލުމަށް ކަނޑައަޅާފައި އޮތްނަމަވެސް މިހާތަނަށް އެފަދަ ދަފުތަރެއް އެކުލަވާލާފައި ނުވާކަންވެސް އެ ކަރުދާހުގައި ފާހަގަކޮށްފައިވެއެވެ. އަދި ހަމައެހެންމެ މިހާތަނަށް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ބޮޑަށް ބަލަހައްޓަމުން ގެންދިޔައީ ކަނޑުމަހުގެ މަސްވެރިކަމުގެ މައުލޫމާތު ކަމަށާއި ފަރުމަސްވެރިކަމުގެ ހަރަކާތްތަކާއި އުޅަނދުތަކުގެ މައުލޫމާތު އެކަށީގެންވާ ގޮތެއްގައި ބަލަހައްޓަމުން ގެންދެވިފައިނުވާކަން އެ ކަރުދާހުގައި ބުނެފައިވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވައުދާ އެއްގޮތަށް މަސްވެރިންގެ ގައުމީ ދަފުތަރު އެކުލަވާލާއިރު ފާނައިގެ މަސްވެރިކަން ފަދަ ފަރުމަސްވެރިކަމުގެ ބާވަތްތަކާއި ރެކްރިއޭޝަނަލް ފިޝިން އަދި ސްޕޯޓްސް ފިޝިން ފަދަ ހަރަކާތްތަކުގެ މައުލޫމާތުވެސް ފުރިހަމަ ގޮތެއްގައި ނެގޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ކެބިނެޓަށް ހުށަހެޅި ކަރުދާހުގައިވެއެވެ.