ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް މަޖިލީހަށް ހުށަހެޅި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލަކީ އިދިކޮޅު ޕާޓީތަކުގެ އަޑުތައް މަނާކުރަން ހުށަހެޅި ބިލެއް ކަމަށް އެމްޑީޕީގެ އިސް ދެ ލީޑަރުން ވިދާޅުވެއްޖެއެވެ.
އަމިއްލަ މެމްބަރެއްގެ ގޮތުގައި މަޖިލީހުގައި އިންނެވި ތުޅާދޫ ދާއިރާގެ މެމްބަރު އަބްލްހަންނާން އަބޫބަކުރު މަޖިލީހަށް މިއަދު ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އުވާލުމަށްފަހު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނެއް އުފައްދަންޖެހޭނެއެވެ.
މާދަމާ ބަހުސް ފެށުމަށް އެޖެންޑާކޮށްފައިވާ ބިލުގައި ބުނެފައިވާ ގޮތުން ބްރޯޑްކާސްޓިން މީޑިއާތަކާއި އޮންލައިން މީޑިއާތަކާއި ވަކިވަކި ނޫސްވެރިން ވެސް ޖޫރިމަނާކުރެވޭނެއެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވި ގޮތުގައި މި ބިލަކީ ރައީސް މުއިއްޒުގެ ސަރުކާރުން މީޑިއާގެ މިނިވަންކަން ނައްތާލުމަށް ކުރާ ފޮރުވިފައިވާ މަސައްކަތެކެވެ.
"މިނިވަން މީޑިއާއަކީ ޑިމޮކްރަސީގެ ބުރިކަށްޓެވެ. ހުށަހެޅިފައިވާ ބިލުން ނަގާލަނީ ނޫސްވެރިންނާއި މީޑިއާ ވަސީލަތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަމެވެ،" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ބިލުގެ ދަށުން އުފެދޭ ރެގިއުލޭޓަރީ ކައުންސިލްގެ ސީދާ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންދާނެއެވެ. އަދި މި ކައުންސިލަށް މިނިވަން މީޑިއާ ބްލޮކްކޮށް، ބަންދުކޮށް އަދި ޖޫރިމަނާ ކުރުމުގެ ހުއްދަ ލިބި، އިދިކޮޅު އަޑުތައް މަނާކުރުމުގެ ބާރު ލިބިގެންދާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ވިދާޅުވިއެވެ.
އެމްޑީޕީގެ ރައީސް އަދި ކުރީގެ މަޖިލިސް ރައީސް އަބްދުﷲ ޝާހިދު ވެސް މި ބިލާމެދު ކަންބޮޑުވުން ފާޅުކުރައްވައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެމްބަރުންތަކެއް ތިބޭ، އަދި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ބޭފުޅަކު ރިޔާސަތު ބަލަހައްޓާ ކައުންސިލަކުން ނޫސްވެރިކަން ރެގިއުލޭޓް ކުރުމަކީ މިނިވަން ނޫސްވެރިކަން ނެތިކޮށްލުމަށް މި ސަރުކާރުން އަޅާ އިތުރު ފިޔަވަޅެއް ކަމަށެވެ.
"ޚުދުމުޚްތާރު ވެރިކަމެއްގެ އެންމެ އަސާސީ އެއް ސިފައަކީ މިނިވަން ނޫސްވެރިކަން ނެތިކޮށްލުން. ނޫސްވެރިން ތާއަބަދު ބިރުވެރިކަމާއި ނުތަނަވަސްކަންމަތީ ބޭތިއްބުން،" ޝާހިދު ވިދާޅުވިއެވެ.
އެތައް ގުރުބާނީއަކުން މިއަދާ ހަމައަށް ދަތުރު ކޮށްފައި އޮތް ދިވެހި ނޫސްވެރިކަމުގެ މިނިވަންކަން ނަގާލުމަށް މި ސަރުކާރަށް ފުރުސަތު ނުދިނުމަށް އެންމެހާ ނޫސްވެރިންނަށާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ޝާހިދު ގޮވާލެއްވިއެވެ.