މީޑިއާތަކާއި ވަކިވަކި ނޫސްވެރިން ޖޫރިމަނާކުރެވޭ ގޮތަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި ހުށަހެޅި ބިލު މަޖިލީހުން ބޭރުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ގޮވާލައިފިއެވެ.

އެމްއެމްސީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މުޅި ބިލު ފަރުމާކޮށްފައިވަނީ ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގަށް ވަރަށް ބޮޑަށް ހުރަސްއެޅޭ ގޮތަށް ކަމަށެވެ. އަދި މީޑިއާތައް ރެގިއުލޭޓް ކުރުމަށް މިހާރު އޮތް މިނިވަން ސެލްފް ރެގިއުލޭޓަރީ ނިޒާމް އެއްކޮށް ބަދަލުކޮށް، އެއިރެއްގައި އޮންނަ ސަރުކާރަކަށާއި ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީއަކަށް މުޅި މީޑިއާގެ ކޮންޓްރޯލް ލިބޭ ގޮތަށް ބިލުގައި ހިމަނާފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ.

އެމްއެމްސީން ފާހަގަކުރި ގޮތުގައި މި ބިލުން އުފައްދާ ކޮމިޝަން އެކުލެވިގެންވާ ގޮތުންނާއި މެންބަރުން ވަކިކުރުމުގެ ބާރު ދީފައި އޮތް ގޮތުން މީޑިއާތައް މިނިވަންކަމާއެކު މަސައްކަތްކުރުމަށް ހުރަސްއެޅި، ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހަށް ލިބިގެންދާނެއެވެ. އަދި ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރު ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، މި ބިލު އެކުލަވާލާފައިވަނީ އެ ހައްގުވެސް ނިގުޅައިގަނެވޭ ގޮތަށެވެ.

މީޑިއާތަކާއި ނޫސްވެރިން ޖޫރިމަނާކުރާ ގޮތް:

  • ރޯޑްކާސްޓަރުން ޖޫރިމަނާކުރެވޭނީ ލިބޭ އާމްދަނީގެ 10 ޕަސެންޓަށް ވުރެ ބޮޑު ނޫން އަަދަދަކުން
  • ނޫސްމަޖައްލާތައް ޖޫރިމަނާކުރެވޭނީ 5،000 ރުފިޔާ އާއި 100،0000 ރުފިޔާއާ ދެމެދު
  • ވަކިވަކި ނޫސްވެރިން ޖޫރިމަނާކުރެވޭނީ 5،000 ރުފިޔާ އާއި 25،000 ރުފިޔާއާ ދެމެދު

އެމްޖޭއޭއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅި ބިލަކީ ކުރިން ހުށަހެޅި ބިލެކޭ އެއްފަދައިން ރާއްޖޭގެ ނޫސްވެރިކަމާއި މީޑިއާގެ މިނިވަންކަން އެކީހެން ގެއްލިގެންދާނެ ބިލެއް ކަމަށެވެ.

70 ސަފުހާގެ މި ބިލާ ގުޅޭގޮތުން އިތުރު ކަންބޮޑުވުންތައް ހުރި ކަމަށް އެމްއެމްސީން ފާހަގަކޮށް، އެ ކަންކަން އިތުރަށް ދިރާސާކުރަމުންދާ ކަމަށް ބުނެފައިވެއެވެ. އަދި ޒިންމާދާރު މިނިވަން ނޫސްވެރިކަމުގެ ވެއްޓެއް ރާއްޖޭގައި އޮތުމަށާއި މި ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން ޖެހޭނެ ކަމަށް އެމްއެމްސީން ފާހަގަކޮށްފައިވެއެވެ.

އެމްޖޭއޭއިން ބުނި ގޮތުގައި މި ބިލް ފަރުމާކޮށްފައި އޮތީ މީޑިއާތައް ރެގިއުލޭޓް ކުރުމުގެ ބޮޑެތި ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ޖަމާކޮށް، މީޑިއާތައް ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ގެނެސް، ނޫސްވެރިން ބިރުވެރިކަމެއްގެ ތެރޭގައި ބޭއްވުމުގެ ފަލްސަފާގައެވެ. އަދި ބިލުގައި ނޫސްވެރިންނާއި މީޑިޔާތައް ކުށްވެރިވާ ގޮތަށް ހުރި މާއްދާތަކުގައި މާނަ ސާފުނުވާ، ނާޖާއިޒު މަންފާ ނެގޭނޭ ފަދަ ގިނަ އިބާރާތްތަކެއް ހިމަނާފައިވާކަމަށް އެމްޖޭއޭއިން ފާހަގަކޮށްފައިވެއެވެ.

"ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރުން ތިއްބަވައި އަދި އެމަނިކުފާނު ކަނޑައަޅުއްވާ ރައީސްއެއް ހުންނަވާ ކޮމިޝަނަކުން މީޑިއާތައް ރެގިއުލޭޓް ކުރުމަކީ އެއްވެސް ގޮތަކުން މި ޖަމްއިއްޔާއިން ބަލައިގަންނާނޭ ކަމެއް ނޫން،" އެމްޖޭއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްޖޭއޭއިން ފާހަގަކުރި ގޮތުގައި މި ބިލް ފަރުމާކޮށް މަޖިލީހަށް ހުށަހެޅިއިރު އެކަށީގެންވާ ގޮތެއްގައި މީޑިއާތަކާއި ނޫސްވެރިންނާ މަޝްވަރާކޮށްފައި ނުވާކަމީ މި ބިލް ހުށަހެޅުމުގައި ހެޔޮ ނިޔަތް އޮތް ކަމާ މެދު ސުވާލު އުފެދޭ ކަމެކެވެ. އަދި ޕާޓީއަކަށް ނިސްބަތްނުވާ އަމިއްލަ މެންބަރެއްގެ ނަމުގައި ބިލް މަޖިލީހަށް ހުށަހެޅިނަމަވެސް، ބިލާ ގުޅޭ އެކި ކަންކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އިސްކޮށް އުޅުއްވާކަން ފާހަގަކޮށްފައިވެއެވެ.

އެމްޖޭއޭއިން ވަނީ މިހާރު ހުށަހަޅާފައިވާ ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރާ ބިލަށް ތާއީދު ނުކުރާ ކަމަށާއި، އެ ބިލް އަނބުރާ ގެންދިޔުމަށް އެންމެހާ ނޫސްވެރިންގެ ފަރާތުން ބިލް ހުށަހެޅި މެންބަރަށް ގޮވާލައިފައެވެ. އަދި މަޖިލީހުގެ މެޖޯރިޓީ ޕާޓީ އަދި ވެރިކަން ކުރާ ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ވެސް އެ ބިލަށް ވޯޓް ނުދީ ބިލް ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލުމަށް ގޮވާލާފައިވެއެވެ.