ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓު ވަޒީރުންނަށް ރުހުން ހޯދުމުގެ ވޯޓު، ވަކިވަކިން ނެގުމަށް ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީން ފާސްކޮށްފިއެވެ.
މިއަދު ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް ވަނީ ބައެއް މިނިސްޓަރުންގެ އަތުގައި އެހެން ގައުމެއްގެ ރަށްވެހިކަން އޮތްތޯ ބަލާފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެހެން ގައުމެއްގެ ރަށްވެހިކަން މީގެކުރިން އޮތް ދެ މިނިސްޓަރުން ކަމަށްވާ ޕަބްލިކް ވާކްސް މިނިސްޓަރަށް އައްޔަނުކުރެއްވި ޑރ. އަލީ ހައިދަރާއި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާގެ އަތުގައި އޮތް އެހެން ގައުމެއްގެ ރަށްވެހިކަން ދޫކޮށްލާފައިވާކަން ފަލާހް ފާހަގަކުރެއްވިއެވެ. އަދި އެބޭފުޅުން އެ ރަށްވެހިކަން ދޫކުރެއްވީ ހުވާ ކުރެއްވުމުގެ ކުރިން ކަމަށް ވިދާޅުވިއެވެ.
އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވީ ގާނޫނުގައި ބަޔާންކުރާ ޝަރުތު ހުރިހާ ވަޒީރުންގެ ކިބާގައި ވެސް ހުރުމުން އެ ބޭފުޅުންގެ ނަންތައް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ. އަދި ވަކިވަކިން ކޮންމެ ވަޒީރަކަށް ވެސް ވޯޓަށް އެހުމަށެވެ.
ޝިފާއުގެ އެ ހުށަހެޅުން ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްވިއެވެ.
މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ނިންމާލުމަށް މިހާރު ކަނޑައަޅާފައިވާ ތާރީހަކީ މިމަހުގެ 18ވަނަ ދުވަހެވެ. އެހެންކަމުން މަޖިލިސް ޗުއްޓީ އަށް ދިއުމުގެ ކުރިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާ ކުރާނެ ކަމަށް ބެލެވެއެވެ.