މާލޭގެ ކެފޭއެއްގެ ތެރޭގައި ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ދައުވާލިބޭ މީހުން ބަންދު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމި މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިމި, ހުކުމާ ހަމައަށް ހިނގައްޖެ އެވެ.
ޖުލައި، 2017 ގައި މާލޭގެ ކެފޭއެއްގެ ތެރޭގައި ނަދީމަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ޝާރާޒް، މުހައްމަދު މަފާޒާއި ލ. ގަން ތުނޑީ އަވަށު ވިދާތަރި، އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިންގެ އިތުރުން ގއ. ގެމަނަފުށީ ހަވާސް މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ.
އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށްފަހު އިސްތިއުނާފް މައްސަލަ ނިމެންދެން އެ މީހުން ބަންދުކުރަން ދައުލަތުން އެދުނެވެ. ނަމަވެސް ހައި ކޯޓުން ނިންމީ އެ މީހުން ބަންދު ނުކުރެވޭނެ ކަމަށެވެ.
އެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެ މައްސަލާގެ އަޑުއެހުންތައް ނިމުނީ ކަމަށާއި އެހެންކަމުން ދެން އޮންނާނީ އެ މައްސަލާގެ ހުކުމް އިއްވުން ކަމަށެވެ.
ނަމަވެސް ހުކުމް އިއްވާނެ ދުވަހެއް ބެންޗުން އިއުލާނެއް ނުކުރައްވަ އެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުން ބުނީ އިސްތިއުނާފް މަރުހަލާގައި މީހުން ބަންދު ކުރެވޭނެ އިޖްރައާތެއް ގާނޫނެއްގައި ބަޔާންވެފައި ނެތް ކަމަށް ހައި ކޯޓުން މި މައްސަލާގައި ނިންމި ނަމަވެސް މީގެކުރިން މިފަދަ މައްސަލަތަކުގައި އިސްތިއުނާފް މަރުހަލާގައި މީހުން ބަންދު ކޮށްފައިވާ ކަމަށެވެ.
ޝާމިނާއި ކަރަމްގެ ވަކީލް ވިދާޅުވީ ހައި ކޯޓުން އެ މީހުން ބަންދު ނުކުރެވޭނެ ކަމަށް ނިންމީ އިސްތިއުނާފް މަރުހަލާގައި ބަންދު ކުރަން އަމުރު ކުރިޔަސް، އެފަދަ އަމުރުތައް ތަންފީޒު ކުރެވޭނެ އުސޫލެއް ނެތުމުން ކަމަށެވެ.
އެ މައްސަލަ ކްރިމިނަލް ކޯޓުގައި ހިނގިއިރު، ދައުވާލިބޭ މީހުން ގިނަ ދުވަސް ވަންދެން ބަންދުގައި ހޭދަކޮށްފައިވާތީ އެކަމާ ބެހޭގޮތުން ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވި އެވެ.
ދައުލަތުން ބުނިގޮތުގައި އިސްތިއުނާފް މައްސަލަ ލަސްވުމުގެ ފުރުސަތު އޮތުމުން ކަމަށް ބުނެ ބަންދުން ދޫކޮށްލުމަކީ ހައްލެއް ނޫނެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ސުއޫދެވެ.