ރާއްޖޭގެ މިނިވަންކަން ގެއްލިފައިވާ ކަމަށް ބުނާ އެއްބަސްވުންތައް ހާމަކުރަން ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ބާރަށު ދާއިރާގެ މެންބަރު އަހްމަދު ހުށަހެޅުއްވި އެ މައްސަލާގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ އިސްތިގްލާލަށް އުނިކަން އައިސް، ރާއްޖޭގެ މިނިވަންކަން ގެއްލިފައިވާކަމަށް ވިދާޅުވާ އެއްބަސްވުންތައް ރައްޔިތުންނަށާއި މަޖިލީހަށް ހާމަކުރުމަށް ގޮވާލާ ކަމަށެވެ.

މީގެއިތުރުން އަދި ކޮޕް 28-ގައި މޯދީއާ އެކު ބޭއްވި ސައިޑްލައިން ބައްދަލުވުމުގައި ރައީސް މުއިއްޒު އެ ވިދާޅުވާ އިންޑިޔާ ސިފައިން ބޭލުމާ ގުޅޭ ގޮތުން ވެފައިވާ އެއްބަސްވުން ހާމަ ކުރުމަށް ގޮވާލާ ކަމަށް ވެސް އަހުމަދު ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ގެންދިއުމަށް އެގައުމުން އެއްބަސްވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވާތީ އެ އެއްބަސްވުން ހާމަ ކުރުމަަށްވެސް އަހުމަދުގެ ކުއްލި މައްސަލާގައި ގޮވާލާފައިވެއެވެ.

އަހްމަދުގެ އެ ކުއްލި މައްސަލަ 33 މެންބަރުންގެ ވޯޓާއެކު ވަނީ ބަލައިގެންފައެވެ.

މީގެކުރިން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ އަންޓާ ސެކަރެޓަރީ މުހައްމަދު ފިރުޒުލް ވަނީ ރާއްޖޭގައި އޮތް އިންޑިއާގެ ޑޯނިއާ މަތިންދާ ބޯޓު ދުއްވުމަށް 25 ސިފައިނާއި ހެލިކޮޕްޓަރު ދުއްވުމަށް 26 ސިފައިންނާއި ދެ ވަނަ ހެލިކޮޕްޓަރު ދުއްވުމަށް 26 ސިފައިންނާއި މެއިންޓެއިނެންސްގެ ކަންކަން ބެލުމަށް އިތުރު ދެ ސިފައިން ތިބި ކަމަށް ވިދާޅުވެފައެވެ.

ރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވަނީ ކުރިން ބެލި ބެލުމުން 77 އަށް އެރި ނަމަވެސް އިތުރަށް ބެލި ބެލުމުން އެ އަދަދު 89 އަށް އިތުރުވެފައިވާ ކަމަށެވެ.

"“އެ ވެސް ސާފެއް ނުވޭ. އެއަށް ވުރެ އިތުރު ވެސް ވެދާނެ. އަޅުގަނޑުމެންނަށް ހުރިހާ މައުލޫމާތެެއް ސާފުވި ކަމަކަށް ނުބެލެވޭ. މިއީ މިހާތަނަށް ފެނުނު ރޭންޖު. މިއަށްވުރެ ގިނަ ވެސް ވެދާނެ" ރައީސް ވިދާޅުވިއެވެ.