ދިވެހިރާއްޖޭގެ އަމާންކަން ގެއްލި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުށްކުރުމާއި މާރާމާރީތައް އިތުރުވާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ކަންބޮޑުވުންފާޅު ކޮށްފިއެވެ.

އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ދިރިއުޅޭ ހިޔާވަހީގެ ރައްކާތެރިކަމާއި، މަގުތަކުގެ އަމާންކަން ގައުމުގައި ގައިމު ނުކުރެވުމަކީ އެ ޕާޓީއަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.އެމްޑީޕީއިން ވަކާލާތު ކުރާ އަބުރުވެރި ދިރިއުޅުމަކަށް ގެދޮރުގެ ހުރުމަތް ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދޭންޖެހޭނެ ކަމަށް އެޕާޓީން ބުންޏެވެ.

"އަމާން ރާއްޖެ އެއްގެ ހިޔާ ދަށުގައި، ފިކުރުބޮޑު ނުވާ ދިރިއުޅުމެއްގެ އުފާ ލިބެންވާނެއެވެ.މާޒީގައިވެސް، ޕީޕީއެމް-ޕީއެންސީގެ ވެރިކަން ބައްޓަން ކުރީ އެމްޑީޕީގެ އަސާސްތަކާއި ނުކިއްސަރުކޮށެވެ" އެމްޑީޕީން ބުންޏެވެ.

އެޕާޓީގެ ބަޔާނުގައި ބުނީ ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައިވެސް މަގުތައް ނާމާންވެ، ގެދޮރުގެ ހަތަރު އިންފާރަކީ އަމިއްލަ ނަފްސުގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ތަންތަނަށް ވެގެންދިޔަ ކަމަށެވެ. އެމްޑީޕީން ބުނީ އެ ޕާޓީއަށް ފެންނަ ފެނުމުގައި، މި ސަރުކާރުގެ އަމަލުތައްވެސް މިހިރީ އެ މަގުން ކަމަށެވެ.

މިއަދާ ހަމައަށްވެސް ގައުމުގެ އަމަން ބެލަހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ ފުލުހުންގެ ހިދުމަތަށް އިސްވެރިޔަކު އައްޔަނުކޮށްފައި ނުވާ ކަމަށާއި މިއީ ފުލުހުންގެ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރަން އޮތް ހުރަހެއް ކަމަށް އެމްޑީޕީން ބުންޏެވެ.

އެހެންކަމުން ކޮމިޝަނަރަކު އައްޔަނު ކުރުން ޕޮލިސް ބޯޑު މެދުވެރިކޮށް އަވަސްކުރުމަށް ސަރުކާރަށް އެޕާޓީން ގޮވާލިއެވެ.

އެމްޑީޕީގެ ނިމިގެންދިޔަ ސަރުކާރަކީ ފާއިތުވި 15 އަހަރު ތެރޭގައިވެސް ދިވެހިރާއްޖޭގައި އެންމެ ކުށް މަދު ކުރެވުނު ފަސް އަހަރު ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނީ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ ބިރުވެރިކަމެއް ނެތި އުޅެވޭނެ މުޖުތަމައެއް ގާއިމުކޮށްދިނުމަށް ގޮވާލާ ކަމަށެވެ.