އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމަށް އިންތިހާބު ކުރާނެ ފަރާތެއް ކަނޑައަޅާފައި ވަނިކޮށް މަޖިލީހުގެ ތަޅުމުގައި އިތުރު ނަމެއް ހުށަހެޅީ އެ މައްސަލާގައި ތްރީލައިން ވިޕެއް ވެސް ނެރެފައި ވަނިކޮށް ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިއަދު ބޭއްވި އެޕާޓީގެ ޕީޖީ ބައްދަލުވުމެއްގައި ފާސްކުރީ ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) މަޖިލިސް ނާއިބު ރައީސްކަމުގެ މަގާމަށް އިންތިހާބު ކުރުމަށެވެ.

އެ ވޯޓުގައި ނައިބު ރައީސްކަމަށް ތިން ބޭފުޅަކު ވާދަކުރެއްވިއެވެ. އެއީ ސަލީމްގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރެވެ. ސަލީމްގެ ނަން ފާސް ކުރައްވާފައި ވަނިކޮށް އެމްޑީޕީގެ މެންބަރުންތަކެއް މިރޭގެ ޖަލްސާގައި ޖާބިރުގެ ނަން ހުށަހެޅުއްވިއެވެ.

އެގޮތުން ޖާބިރުގެ ނަން ހުށަހެޅުއްވީ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާނެވެ. އެ ހުށަހެޅުމަށް ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު ވަނީ ތާއީދު ކުރައްވާފައެވެ.

އެމްޑީޕީ ޕީޖީގެ ސްޕޯކްސްޕާސަން އަދި ވެލިދޫ ދާއިރާގެ މެންބަރު ވިދާޅުވީ މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަގާމަށް ސަލީމް އިންތިހާބު ކުރުމަށް އެޕާޓީގެ ޕީޖީން ތްރީލައިން ވިޕެއް ނެރެފައިވާ ކަމަށެވެ. އަދި ޖާބިރުގެ ނަން ހުށަހެޅީ ތްރީލައިން ވިޕް ނެރެފައި ވަނިކޮށް ކަމަށް ވެސް ވިދާޅުވިއެވެ.

މިރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ސަލީމް އެ މަގާމަށް އިންތިހާބު ކުރެއްވީ 51 މެންބަރުންގެ ވޯޓުންނެވެ. އެ ވޯޓުގައި ސަލީމްއާ ވާދަކުރެއްވީ ކާށިދޫ ދާއިރާގެ މެންބަރު ޖާބިރެވެ. އޭނާ އަށް ލިބިވަޑައިގަތީ 23 ވޯޓެވެ.