ރައްޔިތުން މަޖިލީހުގައި ސަރުކާރަށް ތާއީދު ކުރާ މެންބަރުންގެ އަދަދު ބޮޑުތަނުން ވެއްޓިއްޖެއެވެ.

މަޖިލީހުގައި ސަރުކާރު ތަމްސީލު ކުރާ ޕާޓީއަކީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އެވެ. ޕީއެންސީގެ މެންބަރެއްގެ ގޮތުގައި މިހާރު ހުންނެވީ އެންމެ މެންބަރެކެވެ. އެއީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމެވެ. ނަސީމަކީ ކުރިން މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވި މެންބަރެކެވެ. ޕީއެންސީއާ އޭނާ ގުޅިވަޑައިގަތީ ދާދި ފަހަކުންނެވެ.

ޕީއެންސީއާއެކު ކޯލިޝަން ހަދާފައި ވަނީ ޕީޕީއެމް އިންނެވެ. މަޖިލީހުގައި އެޕާޓީ ތަމްސީލު ކުރައްވަން އިންނެވީ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް)އެވެ. ދެން ހުންނެވީ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތާރިގް (ޓޮމް) އެވެ.

މި ދެބޭފުޅުންގެ އިތުރުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވެސް ރިޔާސީ އިންތިހާބުގައި ޕީޕީއެމް އަށް ސޮއިކުރެއްވިއެވެ. އެހެންކަމުން ސިރާޖާއެކު ސަރުކާރަށް ތާއީދު ކުރާ މެންބަރުންގެ ގޮތުގައި ޖުމްލަ ތިއްބެވީ ހަތަރު މެންބަރުންނެވެ.

މަޖިލީހުގައި ސަރުކާރު ތަމްސީލް ކުރާ މެންބަރުންގެ އަދަދު މިހާ ބޮޑަށް ދަށަށް ދިޔައީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަޖިލިސް މެންބަރުންގެ ގޮތުގައި ތިއްބެވި ދެޕާޓީގެ މެންބަރުންނަށް ވެސް ސަރުކާރުގެ އެކި މަގާމުތައް ދެއްވުމުންނެވެ.

ސަރުކާރުގެ އެކި މަގާމުތަކަށް އައްޔަންކުރެއްވި ޕީޕީއެމް/ޕީއެންސީގެ މަޖިލިސް މެންބަރުން

- ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް (ނައިފަރު ދާއިރާގެ މެންބަރު)

- އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު (މާވަށު ދާއިރާގެ މެންބަރު)

- ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން (ތ. ގުރައިދޫ ދާއިރާގެ މެންބަރު)

- އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު (ފެލިދޫ ދާއިރާގެ މެންބަރު)