ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތައް ލިބުނު ފަރާތްތަކުން އެތަންތަނަށް ވަނުމަށްޓަކައި ކުރި ހަރަދުތަކުގެ އެވްރެޖު އަގެއް ދެއްވާނެ ކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދަވާނެ ކަމަށް އާބަންކޯ އަށް އިއްޔެ އައްޔަން ކުރެއްވި މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ތެރޭގައި ރައީސް މުއިއްޒު ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތައް ލިބުނު ފަރާތްތަކުން އެތަންތަނަށް ވަނުމަށްޓަކައި ކުރި ހަރަދުތަކުގެ އެވްރެޖު އަގެއް ދެއްވާނެ ކަަމށް ވިދާޅުވެފައެވެ.
ރައީސް މުއިއްޒު އޭރު ވިދާޅުވީ ފްލެޓު ލިބުނު ފަރާތްތަކަށް އެ ފްލެޓުތައް ނިންމުމަށް ފަސް ޑިޒައިންގެ ތެރެއިން ބޭނުން ޑިޒައިނެއް ނެގުމަށްފަހު އެ ފައިސާ ބޭނުން ކޮށްގެން އެތަންތަނުގެ ފިނިޝިން ނިންމުމަށް އޮތީ ރައީސް ޔާމީން ސަރުކާރުގައި ނިންމަވާފައި ކަމަށެވެ.
“އެކަން އެހެން އޮއްވާ މި ސަރުކާރުން އައިސް ލޯނު ވެސް ދޫކޮށްލީ މި ދެންނެވި ގޮތަށް ތަން ނިންމީކީއެއް ވެސް ނޫން. ހަތަރު ފާރު ހަވާލުކުރީ,” މުއިއްޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކަމުގެ ސަބަބުން ރައްޔިތުން އުފުލަން ޖެހުނީ ބޮޑު ތަކުލީފެއް ކަމަށާއި އެތަންތަން ނިންމުމަށް ރައްޔިތުން އަތުން ބޮޑެތި ހަރަދުތަކެއް ކުރަން ޖެހުނު ކަމަށެވެ. މުއިއްޒު ވިދާޅުވީ އެންމެ ނިކަމެތި މީހާ އަދިވެސް އެތަން ނުނިިމިގެން އުޅޭ ކަމަށެވެ.
"އަޅުގަނޑުމެން ކަން ކުރާނެ ގޮތަކީ އެވްރެޖް ގޮތެއްގައި އެ ދިޔަ ހަރަދަށް ބަލާފައި އާބަންކޯއިން އެ ކޯސްޓް އޮރިޖިނަލީ ޕްލޭން ކުރި ގޮތަށް، އެ ކޯސްޓް ބެއާކުރާ ގޮތަށް މި ކުރެވުނު ހަރަދު އެވްރެޖްކޮށްފައި އަނބުރާ ދައްކާގޮތަށް،" ރައީސް މުއިއްޒު އޭރު ވިދާޅުވިއެވެ.
ނަމަވެސް އިއްޔެ ރާއްޖޭގެ ބައެއް މީޑިއާތަކުގައި ވަނީ އެކަން ނުކުރަން ސަރުކާރުން ނިންމި ކަމަށް ބުނެފައެވެ. މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެ ހަބަރު ދޮގު ކުރައްވާ ރައީސް ވައުދުވެވަޑައިގެންނެވި ގޮތަށް އެ ފައިސާ ހަމަޖެހިގެން ދާނެ ކަމުގެ ޔަގީންކަން އަރުވައިފައެވެ.
"ވަރަށް ސާފުކޮށް މި ދަންނަވަނީ އެވްރެޖް އަގެއް ދޭނަމޭ. ދޭނަމޭ މި ވިދާޅުވީ ރައްޔިތުން އަތުން ދެއްކި ހަރަދު އަނބުރާ ރިކަވާ ކުރެވޭ ގޮތް، ވީހާވެސް ރަނގަޅަކަށް ކުރެވޭނެ ގޮތް، އެވްރެޖް އަގެއްގައި. ބައެއް ބޭފުޅުން ވަރަށް އަގުބޮޑުކޮށް އެބަހުރި އެޕާޓްމެންޓްތައް ހަދާފައި، އެހެންވީމަ އެއްކޮށް ކަވާ ނުވެދާނޭ. އެހެން ނަމަވެސް އެވްރެޖް އަގެއް ކަނޑައެޅީމައި އޭރު އަޅުގަނޑުމެން ހެދި ހިސާބުން ބަލާނަމަ އެވްރެޖްކޮށް ދެލައްކަ ރުފިޔާ އެއީ،" ހިޔާ ފްލެޓުތައް ހެދުމަށް ދިޔަ އަގުގެ އެވްރެޖު އަގެއް ދެއްވާނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު އޭރު ވިދާޅުވިއެވެ.