ތުރުކީވިލާތާއެކު ވިޔަފާރިއާ ގުޅުންހުރި އެއްބަސްވުމެއްގައި ދިވެހިރާއްޖެ އިން ސޮއި ކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު މިމަހުގެ 26ވަނަ ދުވަހު ވަނީ ރަސްމީ ދަތުރުފުޅެއްގައި ތުރުކީއަށް ވަޑައިގެންފައެވެ. ސަރުކާރުގެ ބައެއް މިނިސްޓަރުންނާއެކު ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން ރޭ ރައީސް މުއިއްޒު ވަނީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާނާއި ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގެ ތެރެއިން "އެގްރީމަންޓް އޮން ޓްރޭޑް އެންޑް އިކޮނޮމިކް ކޯޕަރޭޝަން ބިޓްވީން ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް ތުރްކިއޭ" ގައި ވަނީ ސޮއި ކޮށްފައެވެ. ރާއްޖޭގެ ފަރާތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ސޮއި ކުރެއްވިއިރު ތުރުކީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓްރޭޑް ޕްރޮފެސަރ ޑޮކްޓަރ އޮމަރ ބޮލަޓްއެވެ.

ރައީސް އޮފީހުން ބުނީ އެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ރައީސް މުއިއްޒާއި، ތުރުކީވިލާތުގެ ރައީސް އުރުދުޣާންގެ ކުރިފުޅުމަތީގައި ކަމަށެވެ. ނަމަވެސް އެ އެއްބަސްވުމާއި ގުޅޭ ތަފްސީލެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.

ދެ ރައީސުންގެ ބައްދަލުކުރެއްވުން:

އަންކާރާގެ ޕްރެޒިޑެންޝަލް ޕެލަސްގައި ކުރިއަށްދިޔަ ރަސްމީ ވާހަކަފުޅުގައި، ރާއްޖެއާއި ތުރުކީވިލާތާ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ވަރަށް ވަރުގަދަކަން ފާހަގަ ކުރައްވައި، އެ ގުޅުން އިތުރަށް ފުޅާކުރުމަށް ވިޔަފާރީގެ ދާއިރާއާއި، އިންވެސްޓްމަންޓާއި، އިާއދަކުރަނިވި ހަކަތައާއި، މަތީ ތައުލީމުގެ ދާއިރާއިން ގުޅުން ބަދަހިކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމަ އެއާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ، އިޖްތިމާޢީ-އިގްތިސޯދީ ތަރައްގީގެ އެކި ދާއިރާތަކުން ތުރުކީވިލާތުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެއްބާރުލެއްވުން ފާހަގަކުރައްވައި، އެކަމަށްޓަކައި، އެ ގައުމުގެ ރައީސް އުރުދުޣާނަށާއި، ތުރުކީވިލާތުގެ ރައްޔިތުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

ތުރުކީވިލާތުގެ ރައީސް ވަނީ، ރައީސް މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައި، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމާ ގުޅިގެން، އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި ރައީސް މުއިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅަށް ތުރުކީވިލާތް ހިޔާރުކުރެއްވުމަކީ އެމަނިކުފާނަށާއި، އެގައުމުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް ކަމުގައި ރައީސް އުރުދުޣާން ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ތުރުކީވިލާތަށް ކުރެއްވި މި ދަތުރުފުޅުގެ ސަބަބުން، ތުރުކީވިލާތާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުމުގެ އާ ބާބެއް ފެށުމަށް މަގުފަހިވެގެންދާނެކަން ޔަޤީން ކުރައްވާ ކަމުގައި ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ލީޑަރުން ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެވިދާނެ އެކި ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ދެގައުމުގެ ގުޅުން ބަދަހިކުރުމުގެ މަގުޗާޓަކަށް ވަނީ އެއްބަސްވެވަޑައިގެންފައެވެ.