މަދަނީ މިންގަނޑުން ދަރިންގެ ބައްޕަ ސާބިތު ކުރެވޭނެ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެޓާނީ ޖެނެރަލްގެ އޮފީހުން އަނބުރާ ގެންގޮސްފި އެވެ.
ދަރިންގެ ނަސަބު ސާބިތުކުރަން އޮންނަ އުސޫލުތަކުގެ ބޭރުން މަދަނީ މިންގަނޑުން ބައްޕަ ސާބިތުކުރަން ދައުލަތުން ހުށަހެޅީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކަށް ދިވެހި ރައްޔިތުކަން ދިނުމަށްޓަކައި ކަމަށް ބުނެ އެވެ.
އެ ކުއްޖާގެ ބައްޕައަކީ ދިވެހި ފިރިހެން މީހާކަން މަދަނީ މިންގަނޑު ސާބިތުކުރަން ދައުލަތުން ހުށަހެޅި މައްސަލާގައި ފެމިލީ ކޯޓާއި ހައި ކޯޓުން ވެސް ނިންމީ އެގޮތަށް ދަރިންގެ ނަސަބު ސާބިތު ނުކުރެވޭނެ ކަމަށެވެ.
އެ ނިންމުން އިސްތިއުނާފް ކުރަން އެޓާނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅީ ކުރީގެ ސަރުކާރުގަ އެވެ. އެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވަނީ އެ މައްސަލަ އިތުރަށް މުރާޖާ ކުރުމަށްފަހު އެ މައްސަލަ އަނބުރާ ގެންދަން ނިންމާފައިވާ ކަމަށެވެ.
އިންޑޮނޭޝިއާގެ އަންހެނަކު ރާއްޖޭގައި ވިހެއުމަށްފަހު ދޫކޮށްލާފައި ދިޔަ ކުއްޖާގެ ބައްޕައަކީ ދިވެއްސެއް ކަމަށް ބެލެވުނު ނަމަވެސް އެ ކުއްޖާއަކީ ދަރި ލައްވާ މުއްދަތުގެ ބޭރުން ވިހާފައިވާ ކުއްޖެކެވެ. އަދި ގާނޫނު އަސާސީ އޮންނަ ދިވެހި ރައްޔިތުކަން ދެވޭނީ ދިވެހި އަންހެނަކަށް ނުވަތަ ފިރިހެނަކަށް ލިބޭ ދަރިންނަށެވެ. ނަމަވެސް ހައި ކޯޓުން ނިންމީ ރައްޔިތުކަން ދިނުމަށް ކަމަށް ބުނެ ޝަރުއީ އުސޫލުން ބޭރުން ދަރިން ނަސަބު ސާބިތު ނުކުރެވޭނެ ކަމަށެވެ.