ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރާ 4،000 ފްލެޓުތައް ލިބުނު މީހުންގެ އަތުން އެތަންތަން އަތުލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވިސްނާފައިވާ ގޮތެއް ނޫން ކަމަށާއި ނަމަވެސް އެކަން މަޑުޖައްސާލާފައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އެންގުމަކަށް ވާތީ މިނިސްޓްރީން އެކަމުގައި އަމަލުކުރާނީ އެ ކޮމިޝަނުން އަންގާ ގޮތަކަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރާ 4،000 ފްލެޓާއި ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 20 ދުވަހުގެ ތެރޭގައި ގޮތެއް ނިންމާ އެކަން މިނިސްޓްރީ އަށް އަންގާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ފްލެޓު ދިނުމުގެ ހުރިހާ ކަމެއް ހުއްޓާލުމަށް އޭސީސީން އެންގީ މިމަހުގެ 16ވަނަ ދުވަހުގެ ރޭ ޝަކުވާތަކަށް ބެލުމަށްފަހު އަލުން ފްލެޓު ލިސްޓު ނެރުމުންނެވެ. ގެދޮރުވެރިންގެ ޕޯޓަލް މެދުވެރިކޮށް އޭރުގެ ސަރުކާރުން ވަނީ ފްލެޓު ލިބުނު މީހުންނަށް އެގްރީމަންޓު ވެސް ފޮނުވައިފައެވެ. އަދި ފްލެޓު ލިބޭ ޓަވަރުވެސް ވަނީ އަންގައިފައެވެ.

މިމަހުގެ 17ވަނަ ދުވަހު ހައުސިން މިނިސްޓްރީން ވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުގައި އިމާރާތް ކުރާ ފްލެޓުތައް ހަވާލު ކުރުމުގެ މަސައްކަތާއި ގުޅޭ ގޮތުން އޭސީސީން ވަކި ގޮތެއް އަންގަންދެން ފްލެޓުތައް ހަވާލު ކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ހުއްޓާލާފައިވާ ކަމަށް ބުނެފައެވެ.

ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްގީ ކޮމެޓީގައި މިނިސްޓަރު ހައިދަރު މިއަދު ވިދާޅުވީ ފްލެޓަށް ޝަރުތު ހަމަވާ ނަމަ ފްލެޓު ލިބޭނެ ކަމަށެވެ. ނަމަވެސް މިހާރު މިނިސްޓްރީ އަށް އެކަން އަވަސް ކުރުމަށް ކުރެވޭނެ ކަމެއް ނެތް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮމެޓީގައި ވާހަކަދައްކަވަމުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވި ބޯހިޔާވަހިކަމުގެ މައްސަލައަކީ އިޖުތިމާއީ މައްސަލައެއްގެ އިތުރުން އެއީ އަސާސީ ހިދުމަތެއް ކަމަށެވެ. އެއްވެސް ފަރާތަކަށް އަސާސީ ހިދުމަތެއްގައި އަތް އަޅައިގެން ނުހުރެވޭނެ ކަމަށެވެ. އެހެންކަމުން އޭސީސީން ވެސް މައްސަލައެއް ބަލަން ވަކި މުއްދަތެއް ކަނޑައަޅަން ޖެހޭނެ ކަމަށާއި އެކަން މިނިސްޓްރީން ސާފު ކުރަން ޖެހޭނެ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭގެ އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ ފުރަތަމަ މަރުހަލާ 20 ދުވަހުގެ ތެރޭގައި ނިންމާ ގޮތެއް ކަނޑައަޅާނެ ކަމަށް އޭސީސީން މިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ. އެހެންނަމަވެސް ޖިނާއީ ބައެއް ވެސް މި ތަހުގީގުގެ ތެރޭގައި ކުރިޔަށް ދާތީ، އެކަން ބެލުމުގައި އިތުރު ވަގުތާއި ދުވަސް ނަގާނެ ކަމަށް ބެލެވޭ ކަމަށެވެ.

މިނިސްޓަރު ހައިދަރު ވިދާޅުވީ އޭސީސީގެ ތަހުގީގަށް ބޭނުންވާތީ ފްލެޓް ޕޯޓަލްގެ ހުރިހާ ފޯމުތަކާ ލިޔުންތަކެއް ފެންނަ ގޮތަށް އޭސީސީއަށް އެކްސެސް ވެސް މިހާރު ދީފައިވާ ކަމަށެވެ.