ކޮރަޕްޝަން ބޮޑުވެ، އާސަންދަ ދިނުން ހުއްޓާލުމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި ދ. މީދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު (ސަންޓްރެވަލް ސިޔާމް) ގޮވާލައިފިއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވީ ލިބޭ ފައިސާ އިން ދެކޮޅު ނުޖެހޭއިރު އާސަންދައިގެ މައްސަލާގައި އޭނާ "އަންތަރީސް"ވާ ކަންކަން ހިނގާ ކަމަށެވެ. އޭނާ ވިދާޅުވީ އާސަންދަ އިން ވައްކަން ނުކުރާ އެކަކުވެސް ނޫޅޭ ކަމަށެވެ. އެގޮތުން އިންޑިއާ ނުވަތަ ލަންކާގެ ހޮސްޕިޓަލަކަށް ގޮސްފި ނަމަ، އެ ހޮސްޕިޓަލުތަކުގައި ތިބޭ މީހުންވެސް އާސަންދަ އިން ކޮމިޝަން ނަގާ ކަމަށް ސިޔާމް ވިދާޅުވިއެވެ.
"އާސަންދަ މިއޮތީ އަޅުގަނޑުމެން ކަހަލަ ޓެކްސް ދައްކާ މީހުންގެ ފައިސާ އޭގެ ނުހަމަ ގޮތުގައި ހަމަ ފޭރިގެންދާ ފައިސާތަކެއް އެއީ އިއްޒަތްތެރި ރައީސް. މިކަން އެބަޖެހޭ ހުއްޓަން،" ސިޔާމް ވިދާޅުވިއެވެ.
އާސަންދަ އިން ވައްކަން ކުރާކަން ސަރުކާރުތަކަށް އެނގޭ ކަމަށް ސިޔާމް ވިދާޅުވިއެވެ. އަދި ވިދާޅުވީ "ރޯމާ ދުވާލު" އާސަންދައިން ވައްކަން ކުރާކަމީ ކޮންމެ ސަރުކާރަކަށް ވެސް އެނގޭ ކަމެއް ކަމަށެވެ. އެހެންކަމުން ސިޔާމް ވަނީ އަދުގެ ސަރުކާރަށް އާސަންދަ ހުއްޓާލާ އިންސުއަރެންސް ސްކީމެއް ތައާރަފު ކުރުމަށް ގޮވާލައިފައެވެ.
"މުއިއްޒުއޭ.. މި އާސަންދައިގެ ކަންތައްތައް ހުއްޓާލައްވާފައި އިންސުއަރެންސްގެ ތެރެއިން މި އާސަންދައިގެ ކަންތައް ކުރިޔަށް ގެންދަވާށޭ. އެހެން ނޫންނަމަ އަޅުގަނޑުމެންގެ ސަރުކާރުގައި މިތިބި މީހުންވެސް ވައްކަމުގެ ތެރެއަށް ހިނގައި ދާނޭ،" ސިޔާމް ވިދާޅުވިއެވެ.
އާސަންދަ އަށް އެތައް ބިލިއަން ރުފިޔާއަށް ހޭދަކުރާއިރު އެ ސްކީމަށް ހޭދަވާ ފައިސާގެ އަދަދަކީ ކޮބައިކަން އަންދާޒާވެސް ނުކުރެވޭ ކަމަށް ސިޔާމް ވިދާޅުވިއެވެ. ރާއްޖޭގައި އެންމެ ގިނައިން ޓެކްސް ދައްކާ އެކަކަށްވެ ހުރެ އެ ފައިސާ އިން ދިވެހި ރައްޔިތުންނަށް ފައިދާ ނުކުރުމަކީ ހިތަށް ތަދުވާ ކަމެއް ކަމަށް ސިޔާމް ވިދާޅުވިއެވެ.