ޕީޕީއެމްގެ ލީޑާޝިޕާއި އަދި ޕީއެންސީގެ ލީޑާޝިޕުގެ އިތުރުން ރައީސް މުއިއްޒާ ދެމެދު ގުޅުންތައް ހީނަރުވެ، އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމަވާ އެކަން އިއުލާން ކުރެއްވި ނަމަވެސް ޕީޕީއެމްގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވިކަމުގެ ސިޓީއެއް އަދި ޕީޕީއެމް އަށް ލިބިފައި ނުވާ ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި މިސަރުކާރުގެ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އިން މިރޭ މީރުމާ ހޮޓަލުގައި ބޭއްވި އެޕާޓީގެ ސެނެޓު ބައްދަލުވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ޕީޕީއެމްގެ ނާއިބު ރައީސް ޝިޔާމް ވިދާޅުވީ ޕީޕީއެމްގެ ރައީސްކަމުގައި ހުންނެވި ކުރީގެ ރައީސް ޔާމީން އެ މަގާމުން އިސްތިއުފާ ދެއްވިކަން ރަސްމީކޮށް އެޕާޓީއަށް އަންގާފައި ނުވާ ކަމަށެވެ.

ޕީޕީއެމްގެ ރައީސްކަމުގައި ހުންނެވުމަށްފަހު ޕާޓީގެ ލީޑާޝިޕާއި ޖެހުނު މައްސަލައަކާއި ގުޅިގެން އެޕާޓީން ވަކިވެވަޑައިގެންނެވި ކުރީގެ ރައީސް ޔާމީން ވަނީ އައު ޕާޓީއެއް އުފައްދައިފައެވެ.

ޕީޕީއެމްގެ ލީޑާޝިޕާއި ރައީސް ޔާމީނާ ދެމެދު އޮތް ގުޅުމާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޝިޔާމް ވަނީ ސިޔާސީ ކަންކަމުގައި ނިންމަން ޖެހޭ ނިންމުންތަކާއި ގުޅޭ ގޮތުން ޔާމީނާ މަޝްވަރާ ކުރައްވާ ކަމަށެވެ. މިރޭ ރަސްމީކޮށް ސެނެޓުން ޕީއެންސީއާއެކު މަޖިލިސް އިންތިހާބުގައި ކުރިޔަށް ދިއުމަށް ނިންމި ނަމަވެސް އެކަމަކީ ވެސް ރައީސް ޔާމީނާއެކު މަޝްވަރާ ކުރުމަށްފަހު ނިންމާފައިވާ ނިންމުމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިވަގުތަކީ ސަރުކާރު ފެށުނު ދުވަސްވަރު ކަމަށެވެ. އެހެންކަމުން ސިޔާސީ ޕާޓީއެއް ވެރިކަމަށް އަންނައިރު ފުރަތަމަ ދުވަސްކޮޅު ޕާޓީގެ ހަރަކާތްތައް މަޑު ޖެހިފައި ހުންނަ ކަމަކީ ތާރީހު ހެކިދޭ ކަންތައްތަކެއް ކަމަށާއި ޕީޕީއެމް އަށް ވެސް މިފަހަރު ކަންކަން ވެގެން ދިޔައީ އެހެންކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އަލަށް އުފައްދަވާ ސިޔާސީ ޕާޓީއަށް ކިޔަނީ "ޕީޕަލްސް ނޭޝަނަލް ފްރަންޓް" (ޕީއެންއެފް) އެވެ.

މި ޕާޓީ އުފެއްދުމުގެ ހުއްދައަށް މާދަމާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށް އެޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވަނީ ވިދާޅުވެފައެވެ.