އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ޕީޕީއެމް އިން ނިކުންނާނީ ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީއާއެކު ކަމަށް އެޕާޓީގެ ސެނެޓުން ނިންމައިފިއެވެ.
ޕީޕީއެމް އިން މިރޭ ވަނީ މީރުމާ ހޮޓަލުގައި އެޕާޓީގެ ސެނެޓުގެ ބައްދަލުވުމެއް ބާއްވައިފައެވެ. ޕީޕީއެމް އިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި މިރޭ ބުނީ ޕީޕީއެމްގެ ސެނެޓް ބައްދަލުވުމުގައި ޕީޕީއެމް/ޕީއެންސީ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ސެނެޓްގެ އިއްތިފާގުން ފާސްކޮށްފައިވާ ކަމަށެވެ.
އެޕާޓީން ބުނީ ދެންހުރި ކަންކަން ނިންމާނީ ދެޕާޓީގެ ޖޮއިންޓް ސެނެޓުން ކަމަށެވެ. ދެން ހުރި ކަންކަމުގެ ތަފްސީލެއް އެޕާޓީން ދީފައެއް ނުވެއެވެ.
ޕީއެންސީއާއެކު މަޖިލިސް އިންތިހާބަށް ނިކުތުމަށް ޕީޕީއެމް އިން ނިންމިއިރު ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ އިސްވެރިންތަކެއް މިރޭ ވަނީ ރައީސް ޑރ. މުހައްމަދު މުހައްމަދު މުއިއްޒުގެ ރަސްމީ ގެކޮޅު ދިމްޔާތުގައި ރައީސް މުއިއްޒު އަދި ޕީއެންސީގެ އިސްވެރިންނާއެކު ބައްދަލުވުމެއް ބާއްވައިފައެވެ.
އެ ބައްދަލުވުމުގައި ވާހަކަދެކެވި މަޝްވަރާ ކުރެވުނީ ޕީއެންސީއާއެކު ގުޅިގެން މަޖިލިސް އިންތިހާބަށް ޖޭޕީން ނިކުތުމާއި ގުޅޭ ގޮތުން ކަމަށް ޖޭޕީން ބުންޏެވެ.
ޕީޕީއެމް/ޕީއެންސީން މަޖިލިސް އިންތިހާބަށް ތައްޔާރުވަމުން އަންނައިރު ޕީޕީއެމްގެ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް ޔާމީން ވަނީ އެޕާޓީން ވަކިވެވަޑައިގެން ޕީޕަލްސް ނޭޝަނަލް ފްރަންޓުގެ ނަމުގައި އައު ޕާޓީއެއް އުފެއްދެވުމަށް ނިންމަވައިފައެވެ. އަދި މިރޭ އެޕާޓީގެ ނަމާއި ލޯގޯ ވަނީ އާއްމު ކޮށްފައެވެ.
ރައީސް ޔާމީން އައު ޕާޓީއެއް އުފެއްދުމަށް ނިންމެވީ ޕީޕީއެމްގެ ލީޑާޝިޕާއި އަދި ޕީއެންސީގެ ލީޑާޝިޕުގެ އިތުރުން ރައީސް މުއިއްޒާ ދެމެދު ގުޅުންތައް ހީނަރުވުމުން ކަމަށްވެއެވެ. ރައީސް ޔާމީން ޕީޕީއެމް އިން ވަކިވެ އައު ޕާޓީއެއް އުފެއްދިއިރު ޕީޕީއެމް ހިންގަމުން އަންނަ އިމާރާތުގެ ވެރިޔާ މިހާރު ވަނީ އެޕާޓީގެ އޮފީސް އެ އިމާރާތުން ހުސް ކުރުމަށް ވެސް އަންގައިފައެވެ.