ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީނުގެ ގުޅުން ހީނަރުވެ، ރައީސް ޔާމީން އެޕާޓީން ވަކިވެ އައު ސިޔާސީ ޕާޓީއެއް ހަދަން ނިންމުމާއެކު ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން ސަރުކާރާއި ރައީސް މުއިއްޒުގެ ދިފާއުގައި ނިކުމެއްޖެއެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ރޭ ވިދާޅުވީ ޕީޕީއެމްގެ ލީޑާޝިޕްގެ ވިސްނުން ޔާމީނާ ތަފާތުވެ، އެމަނިކުފާނާ ދުރަށް އެބޭފުޅުން ޖެހިއްޖެ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީންގެ ސިޔާސީ ވިސްނުމާ އެއްގޮތަށް ކުރިއަށްދާނެ އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ޖަމީލު ވިދާޅުވިއެވެ.

އެއާއެކު ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ އިސްވެރިން ސޯޝަލް މީޑިއާގައި އަންނަނީ ސަރުކާރާއި ރައީސް މުއިއްޒުގެ ދިފާއުގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ހުންނެވި މިހާރު ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ރައީސް މުއިއްޒުގެ ވެރިކަން ގެނައުމަށް މަސައްކަތް ކުރި ފަދައިން ވެރިކަން ދިފާއު ކުރުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

ރައީސް ޔާމީން ޖަލުގައި ހުންނެވިއިރު ޕީޕީއެމް/ޕީއެންސީ ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ މިހާރުގެ ޗެއާޕާސަން އަދި ރައީސް މުއިއްޒުގެ އެޑްވައިޒަރު އަބްދުއްރަހީމް (އަދުރޭ) ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އަކީ އެންމެ ފުރަތަމަ ގައުމު އިސްކުރާ ދެޕާޓީ ކަމަށެވެ. އެހެންކަމުން އެދެޕާޓީ އޮތީ ދިވެހި ރައްޔިތުން ނިންމާފައިވާ ގޮތަށް ރައީސް މުއިއްޒާއެކު ސާބިތުކަމާއެކު ކަމަށް އަދުރޭ ވިދާޅުވިއެވެ. ރައީސް މުއިއްޒުގެ ސަރުކާރު ވެގެން ދާނީ ދިވެހިންނަށް އުފާފާގަތިކަން ގެނެސްދޭނެ ސަރުކާރަކަށް ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

"ފަސް އެނބުރި ބެލުމެއް ނެތި އަޅުގަނޑުމެން ދާނީ ކުރިޔަށް. ދިވެހި ލޮބުވެތި ރައްޔިތުން ރައީސް މުއިއްޒާއެކު ސާބިތުވެ ތިބުމަކީ ދިވެހި ގައުމާއި ރައްޔިތުންނަށް އޮތް އެންމެ ރަނގަޅު ގޮތް. އަޅުގަނޑުމެންގެ ކޮންމެ މީހަކަށްވުރެ މި ގައުމު މާ ބޮޑު،" އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީން ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު އަދި މިހާރު ސަރުކާރުގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ވަނީ މި ސަރުކާރާއި ރައީސް މުއިއްޒުގެ ދިފާއުގައި ވާހަކަދައްކަވާފައެވެ. ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް ދިވެހި ރައްޔިތުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް، ޕީޕީއެމް-ޕީއެންސީގެ ސަރުކާރެއް އެކުލަވާލައި ރައްޔިތުންނަށް ހިދުމަތްކުރަން ފެށިފައިވާއިރު، އެބޭފުޅުން ތިއްބެވީ ރައީސް މުއިއްޒާއެކު ކަމަށެވެ.

"ޕީޕީއެމް-ޕީއެންސީއާ އެކު އިހުލާސްތެރިކަމާ އެކު ކުރިއަށްގޮސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ރައްޔިތުންނަށް ހުށައަޅުއްވާފައިވާ ސިޔާސަތުތައް ތަންފީޒު ކުރުމުގައި އަޅުގަނޑުމެންގެ ބަދަހި ސަފުތައް ސާބިތުވެ ދެމިތިބޭނަން،" ޒަމީރު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިއީ ދިވެހި ގައުމަށާއި ރައްޔިތުންނަށް އުފާ ފާގަތިކަން ލިބެން އޮތް މަގެއް ކަމަށާއި ގައުމާއި ރައްޔިތުންގެ އުންމީދުތައް އެހެން އެއްވެސް ބަޔަކާއި އެއްޗަކާއި ކަމަކަށް ވުރެ ބޮޑުވާނެ ކަމަށެވެ.

ރައީސް ޔާމީން ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި ޕީޕީއެމްގެ ނާއިބު ރައީސް އަދި މިސަރުކާރުގެ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވީ ޕީޕީއެމް އޮތީ ރައީސް މުއިއްޒާއެކު ކަމަށެވެ.

"ރައީސް މުއިއްޒުގެ ސަރުކާރުގެ ހިމާޔަތުގައި އަތާއިއަތް ގުޅައިގެން މި ތިބި ސަފުތަކުގައި ކެރުމާއި އިޚްލާސްތެރިކަމާއެކު ސާބިތުވެހުރެ، ގައުމަށް ހެޔޮ އެދޭ އެންމެހާ ލޮބުވެތި ދިވެހިންނަށް ރައީސް މުއިއްޒާއެކު ކުރިއަށް ވަޑައިގަތުމަށް ގޮވައިލަން،" ގައްސާން ވިދާޅުވިއެވެ.

ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ ޕީޕީއެމް/ޕީއެންސީން ރައީސް މުއިއްޒު ވެރިކަމަށް ގެނައީ ނުހަނު ބުރަ މަސައްކަތާއެކު ގައުމު ސަލާމަތް ކުރުމަށް ކަމަށެވެ. އެމަނިކުފާނުގެ ވެރިކަން ދިފާއުކުރުމުގައި އިންޗިއެއްވެސް ފަަހަތައް ނުޖެހި އެމަނިކުފާނާއެކު ހުންނާނެ އެކަކަށް އޭނާއާ އޭނާގެ ދާއިރާގެ ރައްޔިތުން ވާނެ ކަމަށެވެ.

"އަޅުގަނޑުމެން ވޭތުވެދިފަ ފަސް އަހަރު ކުރި މަސައްކަތަކީ ކޮބާކަން ދިވެހީން ދަންނާނެ. އެކަން ނުދަންނަ މީހުން މާ ޕީޕީއެމް ވެގެން މިއުޅެނީ،" ރައީސް ޔާމީންގެ އައު ޕާޓީ އުފެއްދުމުގެ އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މަލީހް ޖަމާލާއި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލަށް އިޝާރާތް ކުރައްވާ ޝުޖާއު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ވެސް އަދި މިސަރުކާރުގެވެސް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރައީސް ޑރ މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ހަފްތާގައި މުހިއްމު މަސައްކަތްތަކެއް އެމަނިކުފާނު ކުރިއަށް ގެންދަވާފައިވާ ކަމަށެވެ. އޭނާ ރައީސް މުއިއްޒު ފާހަގަކުރެއްވީ، ވަރުބަލިކަމެއްނެތި ބުރަ އަދި ގިނަ ވަގުތު ރައްޔިތުންގެ ހިދުމަތުގައި ހޭދަކުރައްވާ ވެރިއެއްގެގޮތުގައެވެ.

ޕީޕީއެމުން އިސްތިއުފާ ދެއްވައި، އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ކުރީގެ ރައީސް ޔާމީން ނިންމަވާފައިވާއިރު އެޕާޓީ އުފެއްދުމުގެ ހުއްދަ އަށް އަންނަ އާދީއްތަ ދުވަހު އެދޭނެ ކަމަށްވެއެވެ.