ނާޖާއިޒު ގޮތުގައި މަސްއޫލިއްޔަތު އަދާކޮށްފިނަމަ، ގިމާޔަތް ދުވަހު ސަހަރޯއޭ ބުނަން ޖެހޭނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު އިއްވި ހުކުރު ހުތުބާގެ މައުޟޫއަކީ "އަމާނާތްތެރިކަމާއި މަސްއޫލިއްޔަތު" އެވެ. މީސްތަކުންގެ ކަންކަން އިސްލާހުކޮށް ބެލެހެއްޓުމަށްޓަކައި މަސްއޫލުވެރިޔަކު ހުންނަން ޖެހޭކަން ހުތުބާގައި ބަޔާންކޮށްފައިވެއެވެ. މަސްއޫލުވެރިޔަކު ހުންނަން ޖެހެނީ މީހުންގެ ކަންކަން އޮޅުން ބޮޅުންވެ ނުދިއުމަށާއި ފާލުން ނެއްޓިގެން ނުދިއުމަށެވެ. އެހެންނަމަވެސް މަސްއޫލުވެރިޔާ އަކަށް ހަމަޖައްސައި މީހާ އޭނާގެ މަސްއޫލިއްޔަތު އަދާ ނުކޮށް އަމިއްލަ މަސްލަހަތު އިސްކޮށްފި ނަމަ އެވެވުނީ އަމާނާތަށް ހިޔާނާތް ކަމަށް ހުތުބާގައި ބުންޏެވެ.
ކޮންމެ އިންސާނަކުވެސް ވަކި އުމުރަކަށް ދިއުމުން އޭނާއަކީ މުކައްލަފެއް ކަމަށާއި އެ ހިސާބުން އޭނާގެ އަމަލުތަކާއި މެދު ޒިންމާވާން ޖެހޭނެ ކަމަށް ހުތުބާގައި ބަޔާން ކޮށްފައިވެއެވެ. މީހަކާއި އިންނަ ހިސާބުން އަނބިމީހާގެ ޒިންމާތައް އަދާ ކުރަން ޖެހޭނެ ކަމަށާއި އަނބިމީހާގެ ކިބައިން ދަރިން ލިބޭ ހިސާބުން އޭނާގެ މަސްއޫލިއްޔަތު ބޮޑުވެ، ފުޅާވެގެން ދާނެ ކަމަށް ހުތުބާގައި ބުންޏެވެ.
ފަހު ޒަމާނުގައި މަސްއޫލިއްޔަތުތަކާއި ހަވާލުވާ މީހުންގެ ކިބައިގައި އެމީހުން ހަވާލުވާ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލްކަން ނުހުންނާނެ ކަމަށް ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވާ ކަމަށް ވެސް ހުތުބާގައި ބުންޏެވެ. އެގޮތުން ގިޔާމަތް ވާނީ ކޮންދުވަހަކުންތޯ މީހަކު ރަސޫލާ އަށް ސުވާލު ކުރެއްވި ހިނދު "އަމާނާތްތެރިން ނަގާލެވިއްޖެ ނަމަ ގިޔާމަތް ދުވަހަށް ތިބާ އިންތިޒާރު ކުރާށެވެ" އެފަދައިން ރަސޫލާ ހަދީޘް ކުރެއްވި ކަމަށް ހުތުބާގައިވެއެވެ.
ބައެއް މީހުންނަށް މަސްއޫލުވެރިކަމަކީ ޝަރަފުވެރިކަމާއި ފަހުރުވެރިކަން ކަމަށް ހީވެފައި އޮންނަ ކަމަށާއި އަދި އެއީ ތިބާގެ އާރާއި ބާރަށާއި މުއްސަނދި ކަމަށް ހުޅުވޭ ދޮރެއް ކަމަށް ބައެއް މީހުންނަށް ހީވެފައި އޮންނަ ކަމަށް ހުތުބާގައި ބުންޏެވެ. އެފަދަ މީހެއްގެ އަމާޒަކަށް ވެފައި އޮންނަނީ ފިނި ކޮޓަރީގައި ބޮޑު މޭޒެއްގެ ދޮށުގައި ބޮޑު ގޮނޑިއެއްގައި އިނދެ އެވެނި މިވެނި މީހަކު މިވެނި އެވެނި ވަޒީފާއަކަށްލާން ކިޔާ އަމުރު ކުރުން ކަމަށް ހުތުބާގައިވެއެވެ.
މަސްއޫލިއްޔަތު ކަމަކީ ފަސޭހަ ކަމެއް ކަމަށް ނުދެކުމަށާއި އެއީ ހަމައެކަނި އަމުރު ކުރުން ކަމަށް ނުދެކުމަށް ހުކުރު ހުތުބާގައި ގޮވާލިއެވެ. އެއީ ބޮޑެތި ޒިންމާތަކެއް ކަމަށާއި އެއީ ބައެއްގެ މައްޗަށް އަތްގަދަ ކުރުން ނޫން ކަމަށްވެސް ބުންޏެވެ.
މަސްއޫލިއްޔަތު އަދާ ކުރުމުގެ ގާބިލްކަން ނެތް ނަމަ އެކަމަށް ހަވާލު ނުވުމަށާއި އަމާނާތް ގެއްލިއްޖެ ނަމަ ހަޔާތުގެ ނިޒާމު ފުނޑު ފުނޑުވެ ހައްގުތައް ގެއްލިގެން ހިނގައިދާނެ ކަމަށް ހުކުރު ހުތުބާގައި ބުނެފައިވެއެވެ.