ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް "ދޮގު" ވިއްކައިގެން އޭރު އޮތް އެމްޑީޕީގެ ވެރިކަމާއި މެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދައިގެން ކަމަށް ވާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބެލުމަށް އެމްޑީޕީން އިގުރާރުވެއްޖެއެވެ.

ރޭ އއ. އުކުޅަހުގައި ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެ ގަރާރު ހުށަހެޅުއްވީ ޕާޓީގެ ޗެއާޕާސަންގެ ނާއިބު އިބްރާހީމް ވަހީދު (އިބުރޭ) އެވެ. އެ ގަރާރުގައި ބަޔާން ކޮށްފައި ވަނީ އެމްޑީޕީއަކީ ދިވެހި ރައްޔިތުންނަށް ލިބެން ޖެހޭ އަސާސީ ހައްގުތަކާއި އަދި ޑިމޮކްރަސީ ރާއްޖެ ގެނައުމުގެ "އާރުކާޓީ" ކަމަށެވެ. އެޕާޓީގެ އަބަދުވެސް އުއްމީދަކީ އަދި އަމާޒަކީ އެމަގުން ކަންކަން ކުރިޔަށް ގެންދިއުން ކަމަށް އެ ގަރާރުގައިވެއެވެ.

ރައީސް މުއިއްޒުގެ ސަރުކާރު ޒިނާމާދާރު ކުރުވުމަށް އެމްޑީޕީގެ ދައުރަކީ ވަރަށް މުހިއްމު ދައުރެއް ކަމަށް ވެސް ގަރާރުގައިވެއެވެ. އެ ގަރާރުގައި ބުނެފައި ވަނީ ޑިމޮކްރެޓިކް އުސޫލުން ރާއްޖޭގެ ކަންކަން ހިންގުމަށް ބާރު އެޅުމަކީ ރާއްޖޭގެ ހަމަޖެހުމަށް ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.

އުކުޅަހުގައި އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެޕާޓީގެ ޗެއާޕާސަން ފައްޔާޒު: ފޮޓޯ | އެމްޑީޕީ

"ނިމިދިޔަ ރިޔާސީ އިންތިހާބުގައި މިޕާޓީ އާއި މިޕާޓީގެ ވެރިކަމާއި މެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ރާވައިގެން ބަޔަކު ބުހުތާނު ދޮގު ފަތުރަމުން ދިއުން، އެއީ ފެންނާން އޮތް ހަގީގަތަކަށްވީ ހިނދު. ދިވެހިރާއްޖޭގައި އެތައްހާސް އިންޑިއާ ސިފައިން ތިބެ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ނަގާލުމަށް ރާވަމުން ދިޔަ ކަމާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލުމާއި ދައުލަތް ޝާމިލުވެގެން ކޮރަޕްޝަން ހިންގި ކަމަށް ބުނާ މައްސަލަތައް ރައްޔިތުން މަޖިލީހުގެ ކަމާ ގުޅޭ ކޮމެޓީން ބަލާ އާއްމު ތަހުގީގެއް ހިންގުމަށް މިޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގައި އެދުމަށާއި...." ގަރާރުގައިވެއެވެ.

އުކުޅަހުގައި އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ | އެމްޑީޕީ

މިފަދައިން އެމްޑީޕީން ރޭ އިގުރާރުވިއިރު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ މާ ގިނަ ދުވަސްތަކެއް ނުވެ އެމަނިކުފާނުގެ ސަރުކާރުން ކުރި ކަންތައްތަކުގެ ވާހަކަ ރައްޔިތުން ދައްކަން ފަށާނެ ކަމަށާއި ފާއިތުވި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ތަރައްގީއަށްޓަކައި ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

އެހެން ނަމަވެސް އިންތިހާބުގައި އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ވަރަށް ގިނަ ދޮގުތަކަކާއި އޮޅުވާލުންތަކެއް ބަޔަކު ފަތުރަމުން ދިޔުމުގެ ސަބަބުން ކަމަށެވެ.