ޕީޕީއެމުން އިސްތިއުފާ ދެއްވައި، އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ކުރީގެ ރައީސް ޔާމީން ނިންމަވާފައިވާއިރު އެޕާޓީ އުފެއްދުމުގެ ހުއްދަ އަށް އަންނަ އާދީއްތަ ދުވަހު އެދޭނެ ކަމަށް އެޕާޓީ އުފެއްދުމުގައި އިސްކޮށް މަސައްކަތް ކުރައްވަމުން އަންނަ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ރޭ ވިދާޅުވީ ޕީޕީއެމްގެ ލީޑާޝިޕްގެ ވިސްނުން ޔާމީނާ ތަފާތުވެ، އެމަނިކުފާނާ ދުރަށް އެބޭފުޅުން ޖެހިއްޖެ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީންގެ ސިޔާސީ ވިސްނުމާ އެއްގޮތަށް ކުރިއަށްދާނެ އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ޖަމީލު ވިދާޅުވިއެވެ.

އެޕާޓީ އުފެއްދުމުގައި އިސްކޮށް މަސައްކަތް ކުރައްވަމުން އަންނަ މަލީހް ވިދާޅުވީ ޕާޓީއަށް ކިޔާނެ ނަން މިހާރު ފައިނަލް ކޮށްފައިވާ ކަމަށެވެ. އަދި ޕާޓީގެ ލޯގޯ ވެސް ފައިނަލް ކޮށްފައިވާއިރު މީޑިއާ އަށް ޕާޓީގެ ނަމާއި ލޯގޯ ހާމަ ކުރާނީ އިލެކްޝަންސް އިން ހުއްދަ ދިނުމުން ކަމަށެވެ.

ޗެނަލް13 އަށް ދެއްވި އިންޓަވިއުއެއްގައި ޖަމީލް ވިދާޅުވެފައި ވަނީ ގދ. ވޮޑަމުލާގެ މައްސަލާގައި ސުޕްރީމް ކޯޓުން ރައީސް ޔާމީންގެ ހުކުމް ބާތިލް ކުރުމާއެކު ވެސް އެމަނިކުފާނު ފަސްޖެހިވަޑައިގެން ނުގެން ގައުމާއި ރައްޔިތުންގެ ހައްގުގައި ނިކުންނެވި ކަމަށެވެ. އެވަގުތު ސިޔާސީ ހުރިހާ ލީޑަރުންނެއްހެން ތިއްބެވީ އޭރުގެ ސަރުކާރާއެކު ކަމަށާއި ގައުމާއި ރައްޔިތުންނަށް އެހާ ބޮޑު ގެއްލުންތަކެއް ދެމުން ގެންދިޔަ ދަނޑިވަޅެއްގައި ވެސް ހަމައެކަނި ނިކުންނެވޭ ރައީސް ޔާމީން ކަމަށް ޖަމީލް ވިދާޅުވިއެވެ.

"އެމަނިކުފާނު ރައްޔިތުންނަށް ވިސްނަވައި ދެއްވީ ގައުމު އިސްކުރަން ޖެހޭކަން، ގައުމަށް އޮތް ނުރައްކާ ހާމަކުރެއްވީ އަދި އެކަމަށްޓަކައި ރައީސް އިބޫގެ ފަރާތުން ނުހައްގު ދައުވާތަކެއްކޮށް ނުހައްގު އަނިޔާތަކެއް ލިބިވަޑައިގަތީ،" ޖަމީލް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން ރައީސް ޔާމީންގެ ކެންޑިޑޭސީ ބަލައިނުގަތް މައްސަލައަށް އިޝާރާތް ކުރައްވާ ޖަމީލް ވަނީ އެ ހާލަތުގައި ވެސް އެމަނިކުފާނު އިސް ކުރެއްވީ ގައުމު ކަމަށެވެ. ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމަށް ރައީސް ޔާމީން އެ ހާލަތުގައި ވެސް ބޭނުންވި ކަމަށް ޔާމީން ސަރުކާރުގެ ފުރަތަމަ ނާއިބު ރައީސްކަން ކުރެއްވި ޖަމީލް ވިދާޅުވިއެވެ.

ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރައްޔިތުން ވޯޓު ދެއްވި ސަބަބަކީ ރައީސް ޔާމީން މިނިވަން ކުރުމަށާއި ގައުމު ވެއްޓިފައިވާ ހާލަތުން އަރައިގަތުން ކަމަށް ޖަމީލް ފާހަގަކުރެއްވިއެވެ. ޖަމީލް ވަނީ ރައީސް ޔާމީން މިނިވަން ކުރުމަކީ ރައީސް މުއިއްޒުގެ ވައުދަކަށްވީ ނަމަވެސް މިއަދުވެސް ކޯޓުތަކަށް ރައީސް ޔާމީން ވަޑައިގަންނަވަމުން ގެންދަވަނީ ގިނިކަންޏާ ކަމަށެވެ. މީގެކުރިން އެމަނިކުފާނާއެކު ވަޑައިގަންނަވާ ޕީޕީއެމް/ޕީއެންސީގެ އިސްވެރިން މިއަދު ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.