އެމްޑީޕީން ހުސްވެފައިވާ އެ ޕާޓީގެ ރައީސްކަމުގެ މަގާމަށް ވަގުތީ ގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) އައްޔަން ކުރަން ފެންނަ ކަމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.

އެގޮތަށް ފާސްކުރީ އއ. އުކުޅަކުގައި ކުރިއަށްދާ އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރެއް 47 މެމްބަރުންގެ ވޯޓާއެކު ފާސްކޮށްގެންނެވެ.

ރައީސް އިބޫއަށް އެމްޑީޕީގެ ރައީސްކަން ދިނުމަށް ގައުމީ މަޖިލީހަށް ގަރާރު ހުށަހެޅުއްވީ ތިމަރަފުށީ ދާއިރާގެ އެމްޑީޕީ ރައީސް އަންވަރު އިބްރާހިމެވެ. އޭނާގެ ހުށަހެޅުމަށް ތާއިދު ކުރެއްވީ އެމްޑީޕީ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދުއެވެ.

އއ. އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/ އެމްޑީޕީ

"ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ހުސްވެފައިވާ ޕާޓީގެ ރައީސްކަމުގެ މަގާމަށް ވަގުތީ ގޮތުން ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އައްޔަން ކުރުމަށާއި އަދި ނިމިދިޔަ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ސަރުކާރުގައި ވަޒީރުންގެ މަޖިލީހުގައި މި ޕާޓީގެ މެމްބަރުންގެ ގޮތުގައި ވަޒީރުންނަކީ މި ގައުމީ މަޖިލީހުގެ ދައުރު ހަމަވަންދެން މި ގައުމީ މަޖިލީހުގެ މެންބަރުންކަމުގައި ކަނޑައެޅުމަށް އިގުރާރުވަމެވެ،" އަންވަރު ހުށަހެޅުއްވި ގަރާރުގައިވެއެވެ.

އެމްޑީޕީގެ ރައީސްކަމުގެ މަގާމުން ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުން، އެ މަގާމު ހުސްވެފައި އޮންނަތާ ފަސް މަސް ވަނީވެފައެވެ.

ރައީސް ސާލިހު އެމަނިކުފާނުގެ ވެރިކަމުގެ ދައުރު މިދިޔަ ހުކުރު ދުވަހު ހަމަވުމުން، އެމަނިކުފާނަކީ އާންމު މެމްބަރެއްގެ ގޮތުގައި އެ ޕާޓީގައި ހުންނެވި ބޭފުޅެކެވެ. އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެމްޑީޕީގެ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ވަޑައިގަންނަވާ ބޭފުޅަކީ އެ ޕާޓީގެ އެންމެ އިސް ލީޑަރެވެ. ނަަމވެސް ރައީސްކަމުގެ ދައުރުހަމަވުމުން، އެ ހައިސިއްޔަތު ގެއްލުނީއެވެ. އެހެންކަމުން މިރޭ އެ ޕާޓީގެ ރައީސްކަމުގެ މަގާމަށް ވަގުތީ ގޮތުން އެމަނިކުފާނު އައްޔަންކުރުމާ ހަމައަށް އެމަނިކުފާނަކީ އެމްޑީޕީގެ އާންމު މެމްބަރެކެވެ.