ޕީޕީއެމުން އިސްތިއުފާ ދެއްވައި، އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ޕީޕީއެމްގެ ރައީސް ޔާމީން ނިންމަވައިފިއެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ޕީޕީއެމްގެ ލީޑާޝިޕްގެ ވިސްނުން ޔާމީނާ ތަފާތުވެ، އެމަނިކުފާނާ ދުރަށް އެބޭފުޅުން ޖެހިއްޖެ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީންގެ ސިޔާސީ ވިސްނުމާ އެއްގޮތަށް ކުރިއަށްދާނެ އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ޖަމީލު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބުރަ މަސައްކަތް ކުރީ ރައީސް ޔާމީނަށްޓަކައި. އެމަނިކުފާނު ޖަލުގައި އަނިޔާ ތަޙައްމަލް ކުރެއްވީ. އެމަނިކުފާނު ރައްޔިތުން އެދުނު ގޮތަށް ރައީސް އިބޫގެ ވެރިކަން ބަދަލު ކުރައްވަން ހުރިހާ މަސައްކަތެއް ކޮށްދެއްވި. އެހެނަސް މިއަދު ޕާޓީގެ ލީޑާޝިޕްގެ ވިސްނުން އެމަނިކުފާނާ ތަފާތު. އެބޭފުޅުން އެމަނިކުފާނާ ދުރަށް ހިނގައްޖެ،" ޖަމީލު މިރޭ އެކްސްގައި ވިދާޅުވެފައިވެއެވެ.

ޗެނަލް13 އަށް ދެއްވި އިންޓަވިއުއެއްގައި ޖަމީލް ވިދާޅުވެފައި ވަނީ ގދ. ވޮޑަމުލާގެ މައްސަލާގައި ސުޕްރީމް ކޯޓުން ރައީސް ޔާމީންގެ ހުކުމް ބާތިލް ކުރުމާއެކު ވެސް އެމަނިކުފާނު ފަސްޖެހިވަޑައިގެން ނުގެން ގައުމާއި ރައްޔިތުންގެ ހައްގުގައި ނިކުންނެވި ކަމަށެވެ. އެވަގުތު ސިޔާސީ ހުރިހާ ލީޑަރުންނެއްހެން ތިއްބެވީ އޭރުގެ ސަރުކާރާއެކު ކަމަށާއި ގައުމާއި ރައްޔިތުންނަށް އެހާ ބޮޑު ގެއްލުންތަކެއް ދެމުން ގެންދިޔަ ދަނޑިވަޅެއްގައި ވެސް ހަމައެކަނި ނިކުންނެވޭ ރައީސް ޔާމީން ކަމަށް ޖަމީލް ވިދާޅުވިއެވެ.

"އެމަނިކުފާނު ރައްޔިތުންނަށް ވިސްނަވައި ދެއްވީ ގައުމު އިސްކުރަން ޖެހޭކަން، ގައުމަށް އޮތް ނުރައްކާ ހާމަކުރެއްވީ އަދި އެކަމަށްޓަކައި ރައީސް އިބޫގެ ފަރާތުން ނުހައްގު ދައުވާތަކެއްކޮށް ނުހައްގު އަނިޔާތަކެއް ލިބިވަޑައިގަތީ،" ޖަމީލް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން ރައީސް ޔާމީންގެ ކެންޑިޑޭސީ ބަލައިނުގަތް މައްސަލައަށް އިޝާރާތް ކުރައްވާ ޖަމީލް ވަނީ އެ ހާލަތުގައި ވެސް އެމަނިކުފާނު އިސް ކުރެއްވީ ގައުމު ކަމަށެވެ. ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމަށް ރައީސް ޔާމީން އެ ހާލަތުގައި ވެސް ބޭނުންވި ކަމަށް ޔާމީން ސަރުކާރުގެ ފުރަތަމަ ނާއިބު ރައީސްކަން ކުރެއްވި ޖަމީލް ވިދާޅުވިއެވެ.

ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރައްޔިތުން ވޯޓު ދެއްވި ސަބަބަކީ ރައީސް ޔާމީން މިނިވަން ކުރުމަށާއި ގައުމު ވެއްޓިފައިވާ ހާލަތުން އަރައިގަތުން ކަމަށް ޖަމީލް ފާހަގަކުރެއްވިއެވެ. ޖަމީލް ވަނީ ރައީސް ޔާމީން މިނިވަން ކުރުމަކީ ރައީސް މުއިއްޒުގެ ވައުދަކަށްވީ ނަމަވެސް މިއަދުވެސް ކޯޓުތަކަށް ރައީސް ޔާމީން ވަޑައިގަންނަވަމުން ގެންދަވަނީ ގިނިކަންޏާ ކަމަށެވެ. މީގެކުރިން އެމަނިކުފާނާއެކު ވަޑައިގަންނަވާ ޕީޕީއެމް/ޕީއެންސީގެ އިސްވެރިން މިއަދު ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.