ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކޮށް، ގެއްލުމުގެ ބަދަލު ދިނުމަށް އުފައްދާފައިވާ "ސެޓްލްމަންޓް ކޮމެޓީ" ރައީސުލްޖުމްހޫރިއްޔާ މިއަދު އުވާލައްވައިފިއެވެ.
"ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގެ ނަމުގައި 28 ނޮވެމްބަރު 2022 ން ފެށިގެން އަމަލުކުރަމުން ގެންދަނީ، ގާނޫނީ އޮނިގަނޑެއްނެތި އަދި ގާނޫނީ ބާރެއްނެތި އެކުލަވާލާފައިވާ އުސޫލަކަށް ކަމަށް ދައުލަތުގެ ބަންޑާރަ ނާއިބު ރައީސުލްޖުމްހޫރިއްޔާ އަށް ލަފާވެސް ދެއްވައިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28ވަނަ ދުވަހުން ފެށިގެން އަމަލުކުރަމުން ގެންދިޔަ އެ އުސޫލާއި މެދު ދައުލަތުގެ ބަންޑާރަ ނާއިބު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވި ލަފާގައި، އެއީ ގާނޫނީ އޮނިގަނޑެއްނެތި އަދި ގާނޫނީ ބާރެއްނެތި އެކުލަވާލާފައިވާ އުސޫލެއްކަން ފާހަގަކުރައްވާފައިވެއެވެ.
އެ އުސޫލުގެ ދަށުން މައްސަލަތައް ހައްލުކުރުމުގެ ނަމުގައި އެކި ފަރާތްތަކަށް މާލީ ބަދަލުތައް ދިނުން ފަދަ ކަންކަން ދައުލަތުގެ ބަންޑާރަ ނާއިބުގެ އޮފީހުގެ އެއްވެސް ބައިވެރިވުމެއް ނެތި، އަދި އެއްވެސް ލަފައެއްވެސް ނެތި ކުރިއަށް ގެންދިޔައީ، ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ) އާއި ހިލާފަށް ކަމަށްވެސް ބަޔާން ކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ):
ރައީސް އޮފީހުން ބުނީ ޝަރުއީ މަރުހަލާގައި މައްސަލަ ކުރިއަށް ދަނިކޮށް، ބަންޑާރަ ނާއިބު އޮފީހުގެ އެއްވެސް ލަފައެއް ހޯދުމެއް ނެތި، ކޯޓުން ބޭރުގައި އެ އުސޫލުގެ ދަށުން ހައްލުކޮށްފައިވާ ފަސް މައްސަލައެއް ފާހަގަކޮށް، އެ މައްސަލަތައް ކޯޓުން ބޭރުގައި ނިންމާފައިވަނީ، ބަންޑާރަ ނާއިބުގެ ފަރާތްޕުޅުން ޝަރުއީ މަރުހަލާގައި ފާހަގަކުރަމުން ގެންދިޔަ ނުކުތާތަކަށްވެސް ރިއާޔަތް ކުރުމަކާއި ނުލާ ކަމަށެވެ.
އަދި އެ މައްސަލަތަކުގައި ދިނުމަށް ފެންނަ ބަދަލާ ގުޅޭގޮތުން އޮޑިޓަރު ޖެނެރަލް ދެއްވާފައިވާ ރައުޔާވެސް ހިލާފަށް ކަމަށް ވެސް ބަންޑާރަ ނާއިބު ރައީސަށް ދަންނަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ބަންޑާރަ ނާއިބުގެ ލަފާގައި އެ އުސޫލަކީ އެއްވެސް އިންސާފެއް ހަމަހަމަކަމެއް ނެތި، "ތަޢައްސުފީކޮށް" އަމަލުކުރުމަށް މަގުފަހިވާ އުސޫލެއް ކަމަށާއި، އެ އުސޫލު ގާނޫނުއަސާސީގެ 271 ވަނަ މާއްދާއާ ހިލާފު ކަމަށްވެސް ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.