މިއަދު ރާއްޖޭގެ ވެރިކަމުގެ ހުވާ ކުރެއްވި ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރެއްގައި ޝަރުއީ ދާއިރާއަކަށް ނުފޫޒެއް ނުފޯރުވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވައިފިއެވެ.

ކުރިޔަށް އޮތް ފަސް އަހަރު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ބޭއްވި ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ދިވެހި ގައުމާއި މުހާތަބު ކުރައްވާ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ކަށަވަރުކުރަން ބޭނުން ވަނީ، ރާއްޖޭގެ ބާރުތަކުގެ މިނިވަންކަން ކަމަށެވެ. ވަކިން ހާއްސަކޮށް، ޝަރުއީ ދާއިރާ އަކީ މިނިވަންވެފައި އޮތް ތަނަކަށް ވުމަކީ އެމަނިކުފާނު ބޭނުންވާ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

އެގޮތުން ވިދާޅުވީ ސަރުކާރުގެ ކުޑަވެސް ނުފޫޒެއް ޝަރުއީ ދާއިރާ އަށް ވަންނާނެ ޖާގަ ނުދެއްވާނެ ކަމަށެވެ. އެކަމުގެ މާނައަކީ، ދިވެހިރައްޔިތުންނާއި ދިވެހި ދައުލަތަށް ހިޔާނާތްތެރިވުމުން، އެފަދަ ކުށްތައް ކުރާ މީހުންނާ މެދު ސަރުކާރުން ލޯ މަރާލުމެއް ނޫން ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

"އެއާ ހިލާފަށް، މީގެ މާނައަކީ ސަރުކާރުން، ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން މި ހިނދުން މި ހިނދަށް ނިމުން. އެކަން މި ނިންމީ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދައުލަތެއްގެ ސަލާމަތާއި ދުނިޔޭގައި އެ ބައެއްގެ އާރާއި ބާރާއި، ގަދަރާއި އިހްތިރާމު ނެގެހެއްޓުމަށްޓަކައި މައިގަނޑު ދެ ބާވަތެއްގެ ބިނާކުރުމެއް ބިނާކުރާ ކަމަށެވެ. އެއީ، އުމްރާނީ ބިނާކުރުމާއި އިންސާނީ ބިނާކުރުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"ނުވަތަ އެހެން ޢިބާރާތަކުން ދަންނަވާނަމަ، ގެދޮރާއި، ދިފާއީ ބުރުޒުތަކާއި، މަގުތަކާއި، ފާލަންތަކާއި، އޮފީސްތައް ބިނާކުރުމާއި، ހެޔޮވިސްނުން ހުރި ސިކުނޑިތަކެއް ލިބިފައިވާ، އަހްލާގު ރަނގަޅު މުޖުތަމައުއެއް ބިނާކުރުން. އެހެންކަމުން، އެއީ ގައުމުގެ ފަސްގަނޑު ބިނާކުރުމާއި، ގައުމުގެ ސިކުނޑިތައް ބިނާކުރުން. މި ފެށުނު ރިޔާސީ ދައުރުގެ ސިޔާސަތަކަށް ވާނީ، މި ދެ ބާވަތުގެ ބިނާކުރުން ވަޒަން ހަމަކޮށް ކުރިއަށް ގެންދިޔުން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.