ވެރިކަން ކުރައްވާނީ އަދުލުވެރިކަމާއެކު ކަމަށާއި އެއްވެސް ކަމެއްގައި ބޭއިންސާފު ނުވާނެ ކަމުގެ ޔަގީންކަން ކުރިޔަށް އޮތް ފަސް އަހަރު ރާއްޖޭގެ ވެރިކަމުގެ ހުވާ ކުރައްވާ، މިއަދު ރާއްޖޭގެ ރައީސްކަމާއި ހަވާލުވެވަޑައިގެންނެވި ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ޖުމްހޫރީ މައިދާނުގައި އޮތް މިއަދު ހަވީރު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ރައީސްކަމުގެ ހުވާ ކުރައްވާ، ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ފުރަތަމަ ފަހަރަށް ދިވެހި ގައުމާއި ރައްޔިތުންނަށް މުހާތަބު ކުރައްވާ ވާހަކަދައްކަވަމުން މުއިއްޒު ވަނީ މިއަދު ފެށުނު ރިޔާސީ އާ ދައުރުގައި ދެ ކަމަކަށް ގައުމު ބިނާކުރާނެ ކަމަށެވެ.
ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ދިވެހި ގައުމުގެ ދަރަނި އިންތިހާ އަށް އެބައޮތް ކަމަށެވެ. ނަމަވެސް އެކަމަށް އެމަނިކުފާނުގެ ސަރުކާރު އޮތީ ތައްޔާރަށް ކަމަށް ވިދާޅުވިއެވެ.
ދެމެހެއްޓެނިވި އަދުލުވެރި ތަރައްގީގެ ނިޒާމެއް ބޭނުންވާ ކަމަށާއި އެކަމަށް ޓަކައި މެދު ރާސްތާގެ އަމާޒުތަކާއި ދުރު ރާސްތާ އަމާޒުތައް ކަނޑައަޅާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެކަމަށް ދިވެހިންގެ ހިޔާލު ހިއްސާކުރުމަށް ފުރުސަތު ދޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ވާހަކަފުޅުގައި އެމަނިކުފާނަކީ ދިވެހި ރައްޔިތެއް ކަމަށާއި އެންމެ ފުރަތަމަ ވެސް އެމަނިކުފާނަށް މުހިއްމު ވާނީ ދިވެހިން ކަމަށް ވިދާޅުވިއެވެ. އެހެން ގައުމެއްގެ ބަޔަކު އެމަނިކުފާނުގެ ލިސްޓަށް އަންނާނީ އޭގެފަހުން ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި އަދުލު އިންސާފުގެ ތެރެއަށް ސަރުކާރުގެ ކުޑަވެސް ނުފޫޒެއް ވަނުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ކަމެއް ނޫން ކަމަށެވެ. އޭގެ މާނައަކީ ދިވެހި ރައްޔިތުންނަށާއި ދިވެހި ދައުލަތަށް ހިޔާނާތްތެރިވުމުން ސަރުކާރުން އެފަދަ ކަންކަމުގައި ލޯ މަރާލައިގެން ހުރުން ނޫން ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
"މީގެ މާނައަކީ ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން މިހިނދުން މިހިނދަށް ނިމުން. އެކަން މި ނިމުނީ،" ރައީސް ވިދާޅުވިއެވެ.